ސްޕެނިޝް ލީގުގައި ރޭ ބްރެޒިލްގެ ޒުވާން ތަރި ވިނީޝިއަސް ޖޫނިއާ ޖެހި ދެލަނޑާއެކު ލެވަންޓޭ އަތުން ރެއާލް މެޑްރިޑް ބަލިނުވެ ސަލާމަތްވެއްޖެއެވެ. މި މެޗު ނިމުނީ ދެ ޓީމު 3-3 އިން އެއްވަރުވެގެންނެވެ.
ލެވަންޓޭގެ ދަނޑުގައި ރޭ ކުޅުނު މި މެޗު ފެށިތާ ފަސްވަރަކަށް މިނެޓުގެ ތެރޭގައި ރެއާލަށް ލީޑްނަގައިދިނީ ވޭލްސްގެ ވިންގާ ގަރެތު ބޭލް އެވެ. މިއީ އެ ޓީމުގެ ފްރާންސް ފޯވާޑް ކަރީމް ބެންޒެމާ ދިން ބޯޅައަކުން ބޭލް ކާމިޔާބުކުރި ގޯލެކެވެ. މިއީ 2019 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ފަހުން ލީގުގައި ބޭލް ޖެހި ފުރަތަމަ ގޯލެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން މިނެޓެއްގެ ތެރޭގައި ލެވަންޓޭ އަށް އެއްވަރުކޮށްދިނީ ގޮންޒާލޯ މެލޭރޯ ދިން ބޯޅައަކުން ރޮޖާ މާޓީ އެވެ. އަދި އޭގެފަހުން، މެޗުގެ 57 ވަނަ މިނެޓުގައި ހޯސޭ ކަމްޕާނިއާ ކާމިޔާބުކުރި ލަނޑުން ލެވަންޓޭ ވަނީ ފުރަތަމަ ފަހަރަށް ލީޑްނަގާފައެވެ. ކަމްޕާނިއާ މި ލަނޑުޖެހީ ޖޯޖް ޑެ ފްރުޓޯސް ނަގައިދިން ހުރަހަކުން ލިބުނު ބޯޅައަކުން އެއް ފަހަރުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.
އޭގެފަހުން، މެޗުގެ 73 ވަނަ މިނެޓުގައި ވިނީޝިއަސް ވަނީ ކަސެމީރޯގެ ތުރޫޕާހަކުން ނަތީޖާ 2-2 އަށް ބަދަލުކޮށްލާފައެވެ. އެކަމަކު، ރެއާލުން އެއްވަރުކުރިތާ ހަ މިނެޓުފަހުން ލެވަންޓޭ އިން ވަނީ ދެވަނަ ފަހަރަށް ލީޑްނަގާފައެވެ. އެ ޓީމަށް މިލަނޑުޖަހައިދިނީ ރޮބާ ޕިއާ އެވެ. ނަމަވެސް މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ވިނީޝިއަސް ވަނީ އިތުރު ގޯލެއްޖަހައި ރެއާލަށް މި މެޗުން ޕޮއިންޓެއް ހޯދައިދީފައެވެ. ވިނީޝިއަސް މިލަނޑުޖެހީ ބެންޒެމާ ދިން ބޯޅައަކުންނެވެ.
ލީގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑުން ވަނީ އަމިއްލަ ދަނޑުގައި 1-0 އިން އެލްޗޭ ބަލިކޮށްފައެވެ. މި މެޗުގައި އެ ޓީމުން ޖެހި ހަމައެކަނި ލަނޑު، ފުރަތަމަ ހާފު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ އެންހެލް ކޮރޭއާ އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ އާޖެންޓީނާގެ މިޑްފީލްޑަރު ރޮޑްރިގޯ ޑެ ޕޯލް އެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ރެއާލް ސޮސިއެޑާޑުން ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ރަޔޯ ވަޔެކާނޯ އަތުން މޮޅުވެފައެވެ. ފަހު ހާފުގައި ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ލަނޑުޖަހައިދިނީ ސްޕެއިންގެ މިޑްފީލްޑަރު މިކޭލް އޮޔާޒަބާލް އެވެ.
