ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އެ ކުދިންގެ ޒާތީ މައުލޫމާތު ހާމަކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެއްކަން ހަނދާންކޮށްދީ، ޖިންސީ ގޯނާ އާއި އަނިޔާ ލިބޭ ކުދިން ހިމެނޭހެން އެއްވެސް ކުޑަކުއްޖެއްގެ މައުލޫމާތު އާންމުނުކުރުމަށް ޖެންޑާ މިނިސްޓްރީން ހަރުކަށި އިބާރާތުން އަންގައިފިއެވެ. މިނިސްޓްރީން މި އެންގުން އެންގީ، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެ މައްސަލައިގައި އަނިޔާ ލިބުނު ކަމަށް ބުނާ ކުއްޖާގެ ޒާތީ މައުލޫމާތާއި ކަރާމާތަށް އުނިކަން އަންނަ ފަދަ ވާހަކަތައް ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ދައުރުވަމުންދާތީ، އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް މިނިސްޓްރީން ވަނީ ހާއްސަ ނޫސް ބަޔާނެއް ނެރެފައެވެ. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލުތަކާ ހިލާފަށް މީޑިއާތަކުގައްޔާއި ސޯޝަލް މީޑިއާގައި ކުދިންގެ ޒާތީ މައުލޫމާތު ހާމަކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ޓިކެޓަށް ވާދަކުރައްވަން ނިންމަވާފައިވާ ޝާހިދު، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް މި މަހުގެ 3 ވަނަ ދުވަހު ވަނީ ޝަރީއަތް ނިމެންދެން 30 ދުވަހުގެ މުއްދަތަކަށް ބަންދުކޮށްފައެވެ. ނަމަވެސް ހައްޔަރުކުރުމުގެ ކުރިން އެ ތުހުމަތުތައް ދޮގުކުރައްވައި ޝާހިދު ވިދާޅުވީ، މިއީ ސިޔާސީ މަގުސަދެއްގައި އޭނާގެ އަބުރު ކަތިލުމުގެ ގޮތުން ފަޅުވައިގެން އުޅޭ ދޮގު ތުހުމަތުތަކެއް ކަމަށެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ކަމާގުޅޭ ގާނޫނުތަކަށް އަލިއަޅުވާލައި މިނިސްޓްރީން ބުނީ، ކުޑަކުދިންނަކީ އާއިލާގެ ފަރާތުންނާއި މުޖުތަމައުގެ އިތުރުން ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ލިބެންޖެހޭ ބައެއް ކަމަށެވެ. އަދި ކުށުގެ ތުހުމަތުކުރެވޭ ކުދިންނާއި ކުށުގެ ޝިކާރައަކަށްވާ ކުދިންގެ ޒާތީ މައުލޫމާތު މީޑިއާގެ އެއްވެސް ވަސީލަތެއްގައި ޝާއިއުކުރުމަކީ ކުށެއް ކަމަށް ވެސް މިނިސްޓްރީން ފާހަގަކުރިއެވެ.

މީގެ އިތުރުން، ކުއްޖާގެ ނަމާއި އެޑްރެހާއި ތައުލީމު ހާސިލުކުރާ ތަނުގެ މައުލޫމާތުގެ އިތުރުން ފޮޓޯ އާއި ވީޑިއޯ ފަދަ ތަކެތި އާންމުކުރުމަކީ މަނާ ކަމެއް ކަމަށް މިނިސްޓްރީން ހަނދާންކޮށްދިނެވެ. ވަކި ކަމަކާމެދު އާންމުން ދެކޭގޮތަށް ނުފޫޒު ފޯރުވުމަށް ނުވަތަ އެ ނޫން ބޭނުމަކަށް ވެސް ކުއްޖާގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް މައުލޫމާތު އާންމުކުރުމަކީ ކުޑަކުއްޖާގެ ހައްގަކަށް އަރައިގަތުން ކަމަށް ބުނެ، މިފަދަ ނާޒުކު މައްސަލަތަކުގައި މުޅި މުޖުތަމައު ވެސް ގާނޫނީ އަދި އަހުލާގީ ޒިންމާ އަދާކުރުމަށް މިނިސްޓްރީން ވަނީ ގޮވާލާފައެވެ.