ދުނިޔޭގެ 99 ގައުމަކުން އައިފޯނު ބޭނުންކުރާ ސިޔާސީ އިސް ވެރިންނާއި މަޖިލިސް މެންބަރުންނަށް އަމާޒުކޮށް ނުރައްކާތެރި ޖާސޫސީ ހަމަލާތަކެއް ދޭން އުޅޭކަމުގެ ސަލާމަތީ އިންޒާރު އެޕަލް ކުންފުނިން ދީފިއެވެ.

މި އިންޒާރު ލިބުނު ފަރާތްތަކުގެ ތެރޭގައި ޖަރުމަނުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސް އޮފިޝަލުން ހިމެނޭކަން މިހާރު ވަނީ ކަށަވަރުވެފައެވެ. އެޕަލްއިން ވަނީ ސީދާ ފޯނުގެ ސްކްރީނަށް އިންޒާރު ފޮނުވައި، ފޯނުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް އަންގާފައެވެ.

ޖަރުމަނުގެ ސައިބާ ސެކިއުރިޓީއާ ބެހޭ އިދާރާ (ބީއެސްއައި) އިން ބުނީ، މިއީ ވަކިވަކި އިސް ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ޖާސޫސީ އަމަލުތަކެއް ކަމަށެވެ. އެ އިދާރާއިން ވަނީ އެޕަލްގެ އިންޒާރު ލިބުނު ހުރިހާ މެންބަރުންނާއި އޮފިޝަލުން ވެސް އެ ބޭފުޅުންގެ އައިފޯނުތަކުގެ ސަލާމަތީ ކަންކަން ގެއްލިފައިވާ ކަމަށް ބަލައި، ވަގުތުން ފޯނު ބޭނުންކުރުން ހުއްޓާލުމަށް ފަހު އެހެން ފޯނަކަށް ބަދަލުވުމަށް އިރުޝާދު ދީފައެވެ. އަދި މިފަދަ ހަމަލާތަކަކީ ފޯނުގެ ވެރިފަރާތުގެ އެއްވެސް ބައިވެރިވުމަކާ ނުލައި، އެއްވެސް ލިންކަކަށް ފިތާނުލި ކަމުގައި ވިޔަސް ފޯނު ކޮންޓްރޯލް ކުރެވޭ ފަދަ ޒަމާނީ އުކުޅުތައް ބޭނުންކޮށްގެން ދޭ ހަމަލާތަކެއް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މި ނުރައްކާތެރި ހަމަލާތަކުގެ އަމާޒަކަށް ޖަރުމަނުގެ އިތުރުން 99 ގައުމެއްގެ ސިޔާސީ ލީޑަރުންނާއި ނޫސްވެރިން އަދި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އިސް ފަރާތްތައް ވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ. މިފަދަ ހަމަލާތައް ދިނުމަށް ބޭނުންކުރާ ސޮފްޓްވެއާތަކަކީ ފޯނުގައި ހުންނަ މެސެޖުތަކާއި ފޮޓޯތަކުގެ އިތުރުން މީހާ ހުންނަ ތަން ދެނެގަތުމާއި، ފޯނުގެ މައިކްރޯފޯނާއި ކެމެރާ ވަގަށް ހުޅުވައިގެން ޖާސޫސު ކުރުމުގެ ގާބިލުކަން ލިބިފައިވާ ވަރުގަދަ ޓޫލްތަކެކެވެ.

މި މައްސަލައާ ގުޅިގެން ޖަރުމަނު ސަރުކާރުގެ ތަރުޖަމާނު ސްޓެފަން ކޯނެލިއަސް ވިދާޅުވީ، މިއީ ސަރުކާރުން ވަރަށް ސީރިއަސްކޮށް ބަލަމުން އަންނަ މައްސަލައެއް ކަމަށެވެ. އަދި މި ހަމަލާތަކުގެ އަސަރު ފޯރާފައިވާ އިސް ބޭފުޅުންގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ފުރިހަމަ ތަހުގީގެއް ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެޕަލް ކުންފުނިން ބުނީ، މިއީ އާންމު އައިފޯން ބޭނުންކުރާ ހުރިހާ ފަރާތްތަކަށް އޮތް ބިރެއް ނޫން ކަމަށާއި، މިފަދަ ހަމަލާތައް އަމާޒުކުރަނީ ދުނިޔޭގެ ސިޔާސީ އަދި ނުފޫޒުގަދަ މަދު ބަޔަކަށް ކަމަށެވެ. އެހެންނަމަވެސް، މިފަދަ އިންޒާރެއް ލިބިއްޖެ ނަމަ، ފޯނުގައިވާ ހާއްސަ ސަލާމަތީ ފިޔަވަޅެއް ކަމަށްވާ "ލޮކްޑައުން މޯޑު" ވަގުތުން އެކްޓިވޭޓް ކުރުމަށާއި، ސިސްޓަމް އަޕްޑޭޓްތައް އަވަހަށް ފުރިހަމަކުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.