ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރަ މާދަމާ އިތުރަށް ގަދަވާނެ ކަމަށާއި ނަމަވެސް ޖުމްހޫރީ ދުވަހުގެ ބަންދާ ދިމާކޮށް އަންނަ ބުދަ ދުވަހުން ފެށިގެން މޫސުން އަލިކޮށްލާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފި އެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އިއްޔެއިން ފެށިގެން މޫސުން ގޯސްވެ ވިއްސާރަކުރަމުން އަންނައިރު، ހާއްސަކޮށް ދެކުނާއި މެދުރާއްޖެ ތެރޭގެ ބައެއް ރަށްރަށަށް މެދުނުކެނޑި ވާރޭވެހި ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ. އެގޮތުން ބައެއް ރަށްރަށުގެ މަގުތަކުގަޔާއި ގެތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް ވަނީ ކުރިމަތިވެފަ އެވެ.
މެޓު އޮފީހުން ބުނި ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން އޮތީ ވަރަށް ބޮޑަށް ގޯސްކޮށެވެ. އަދި މާދަމާގެ ވަގުތުތަކުގައި ވިއްސާރައިގެ ބާރު ކުރިއަށް ވުރެ ވެސް ގަދަވެގެންދާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އަންނަ ބުދަ ދުވަސް ސަރުކާރު ބަންދުވާއިރު، އެ ދުވަހާ ގުޅުވައިގެން ބުރާސްފަތި ދުވަސް ވެސް ބަންދުކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
މެޓުން އިތުރަށް ބުނީ ކުރިއަށް އޮތް ތިން ދުވަހު ދެކުނާއި މެދު ރާއްޖެ ތެރެއަށް މޫސުން ގޯސްވެ ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށެވެ.
