ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ، ގިނަ ރަށްރަށުގައި ފެންބޮޑުވެ ގެއްލުންތައް ވަމުންދަނިކޮށް، ހދ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ޔެލޯ އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ބުނީ، މިއަދު ހަވީރު 3:00 އިން ފެށިގެން މިރޭ 7:00 އާ ހަމައަށް އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ލަފާކުރެ އެވެ.
އުތުރުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރުމުގެ ކުރިން، މިއަދު މެންދުރު 2:00 އިން ފެށިގެން މިރޭ 8:00 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ފުވައްމުލަކާ ހަމައަށް އޮތީ ވައިޓް އެލާޓް ވެސް ނެރެފަ އެވެ. މިއާ އެކު މުޅި ރާއްޖެއަށްހެން ވިއްސާރައިގެ އަސަރު ބޮޑުވެފައިވާކަން ވަނީ ހާމަވެފަ އެވެ.
މި ދުވަސްވަރު މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރަށްރަށުގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. މީގެ ތެރޭގައި ހދ. އަތޮޅުގެ ގާތްގަނޑަކަށް ހުރިހާ ރަށަކުން ފެންބޮޑުވެގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް ވަނީ ރިޕޯޓުކޮށްފަ އެވެ. އެގޮތުން އުތުރާއި ދެކުނުގެ ރަށްރަށަށް މި ވިއްސާރައިގެ ސަބަބުން ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހިފައިވެ އެވެ.
މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް ތިން ދުވަހު ވެސް މުޅި ރާއްޖެއަށް ވިއްސާރަކުރާނެ އެވެ. އެހެންކަމުން މޫސުމަށް ސަމާލުވެ، ދަތުރުފަތުރު ކުރުމުގައްޔާއި ރަށްރަށުގައި ފެންބޮޑުވެގެން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
