މާލީ ހިސާބުތަކުގެ ލިޔެކިޔުންތައް ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ފުރިހަމައަށް ބަލަހައްޓާފައި ނުވާތީ، އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަދާލަތު ޕާޓީ 25،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
އީސީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ ސިޔާސީ ޕާޓީގެ ގާނޫނާ އެއްގޮތަށް މާލީ ހިސާބުތަކުގެ ލިޔެކިޔުންތައް ފުރިހަމައަށް ބަލަހައްޓާފައި ނުވާތީ އަދާލަތު ޕާޓީ 25،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އެ ޕާޓީ ޖޫރިމަނާކުރީ 2024 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު މިދިޔަ މަހުގެ ހަވަނަ ދުވަހު ހުށަހެޅިއިރު، ސިޔާސީ ޕާޓީގެ ގާނޫނުގެ 41 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކޮށްފައިވާ ހުރިހާ ހަރަދުތަކުގެ ތަފްސީލު ފުރިހަމައަށް ބަލަހައްޓާފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ވާތީ ކަމަށް އީސީން ބުންޏެވެ.
އީސީން ބުނި ގޮތުގައި، 2024 ވަނަ އަހަރު އަދާލަތު ޕާޓީގެ ބައެއް މުދަލާއި ތަކެތީގެ އަގުގެ ގޮތުގައި ހިމަނާފައިވާ އަދަދާ ގުޅޭ ލިޔުންތައް ހުށަހަޅާފައި ނުވުމުގެ ސަބަބުން އެ ކަންކަން ކަށަވަރު ނުކުރެވޭ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނު ބުނާ ގޮތުން ޕާޓީތަކުން ކުރާ ހުރިހާ ހަރަދެއް ތަފްސީލާ އެކު ބެލެހެއްޓުމަކީ ލާޒިމު ކަމެކެވެ.
މިވަގުތު 6،000 އަށް ވުރެ ގިނަ މެމްބަރުން ތިބި އަދާލަތު ޕާޓީން މާލީ ބަޔާން ހުށަނާޅައިގެން މިދިޔަ ޖުލައި މަހު ވެސް 50،000 ރުފިޔާއިން ޖޫރިމަނާކުރިއެވެ. މާލީ ބަޔާން ހުށަނާޅައިގެން އެ މަހު އެމްޑީޕީ އާއި އެމްއެންޕީ ވެސް އީސީން ވަނީ ޖޫރިމަނާކޮށްފައެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނު ބަޔާންކުރާ ގޮތުގައި ކޮންމެ އަހަރެއް ނިމުމުން، ހިނގަމުންދާ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި، ވޭތުވެދިޔަ އަހަރުގެ އަހަރީ ރިޕޯޓާ އެކު މާލީ ބަޔާން އީސީއަށް ހުށަހަޅަން ޖެހެއެވެ.
