އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި 4-1 ގެ ނަތީޖާއަކުން ލެސްޓާ ސިޓީ ބަލިކޮށް ވެސްޓް ހޭމް ޔުނައިޓެޑުން ލީގުގެ އެއްވަނަ އަށް ޖެހިލިއިރު، އެ މެޗުގައި ދެލަނޑުޖެހި ފޯވާޑް މިޚާއިލް އެންޓޯނިއޯ ރެކޯޑެއް ގާއިމްކޮށްފިއެވެ.
ރޭގެ ނަތީޖާއާއެކު ވެސްޓް ހޭމަށް ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، މި އަދަދަށް ޕޮއިންޓް ލިބިފައިވާ އެހެން ޓީމުތަކަކީ ޗެލްސީ އާއި ލިވަޕޫލްގެ އިތުރުން ބްރައިޓަން އަދި ޓޮޓެންހަމް ހޮޓްސްޕާ އެވެ. ވެސްޓް ހޭމަށް ކުރިލިބެނީ ޖެހި ގޯލުންނެވެ. އެ ޓީމުން ވަނީ މި ފަހަރުގެ ސީޒަނުގައި މިހާތަނަށް ކުޅުނު ދެ މެޗުގައި 8 ލަނޑުޖަހާފައެވެ. މިއީ އެ ކްލަބުގެ ތާރީޚުގައި ލީގުގެ ފުރަތަމަ ދެ މެޗުން މޮޅުވި ދެވަނަ ފަހަރެވެ.
ލަންޑަން ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގައި އެ ޓީމުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ފުރަތަމަ ހާފުގައި ޖެހުނީ އެންމެ ގޯލެކެވެ. މެޗުގެ 26 ވަނަ މިނެޓުގައި ވެސްޓް ހޭމަށް ލީޑްނަގައިދިނީ ޕަބްލޯ ފޯނާލްސް އެވެ. މިއީ އެ ޓީމުގެ އަލްޖީރިއާ ވިންގާ ސައިދު ބެންރާމާ ނަގައިދިން ހުރަހަކުން ފޯނާލްސް ކާމިޔާބުކުރި ގޯލެކެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ލެސްޓާގެ ފޯވާޑް އަޔޯޒޭ ޕެރޭޒަށް ސީދާ ރަތެއް ދެއްކުމުން އެ ޓީމުން މެޗުގެ ތެރެއަށް އެނބުރިއަންނަން ކުރި މަސައްކަތްތަކަށް ވަނީ ހުރަސްއެޅިފައެވެ. ޕެރޭޒަށް ރަތް ކާޑު ދެއްކީ ވެސްޓް ހޭމްގެ ފޯނާލްސް އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ވީއޭއާރް އިން ބެލުމަށްފަހުގައެވެ.
ވެސްޓް ހޭމުން މި މެޗުގައި ޖެހި ދެވަނަ ލަނޑު، ފަހު ހާފުގެ ކުޅުން ފެށިތާ 11 ވަރަކަށް މިނެޓުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ބެންރާމާ އެވެ. މިއީ ލެސްޓާގެ ޑިފެންޑަރު ސަގްލާ ސޮޔުންޗޫ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި އެންޓޯނިއޯ ދިން ބޯޅައަކުން ބެންރާމާ ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، މެޗުގެ 69 ވަނަ މިނެޓުގައި ބެލްޖިއަމްގެ މިޑްފީލްޑަރު ޔުރީ ޓީލަމެންސް ކާމިޔާބުކުރި ގޯލުން ލެސްޓާ އިން ފަރަގު ކުޑަކުރިއެވެ.
އެކަމަކު، މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައި އެންޓޯނިއޯ ކާމިޔާބުކުރި ދެލަނޑާއެކު ވެސްޓް ހޭމުން ވަނީ ދެ ޓީމުގެ ދެމެދު އޮތް ފަރަގު ބޮޑުކޮށްފައެވެ. ވެސްޓް ހޭމްގެ ތިންވަނަ ލަނޑު، މެޗުގެ 80 ވަނަ މިނެޓުގައި އެންޓޯނިއޯ ކާމިޔާބުކުރީ ޑެކްލަން ރީސް ދިން ބޯޅައަކުންނެވެ. އަދި އޭގެ ހަތަރު މިނެޓުފަހުން، އެ ޓީމުގެ ފަހު ލަނޑުޖެހީ ޗެކް ރިޕަބްލިކްގެ ފުލްބެކް ލަޑިމިއާ ސޯފަލް ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ވަރަށް ރީއްޗަށް ކޮންޓްރޯލްކޮށްލުމަށްފަހު ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިއީ މި ފަހަރުގެ ސީޒަނުގައި ލީގުގައި އޭނާ ޖެހި ތިންވަނަ ގޯލެވެ.
މި މެޗުގައި ޖެހި ގޯލްތަކާއެކު އެންޓޯނިއޯ ވަނީ ވެސްޓް ހޭމްގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ކުރިން މި ރެކޯޑް އޮތް އިޓަލީގެ ފޯވާޑް ޕައޮލޯ ޑި ކާނިއޯ ވަނީ ލީގުގައި ވެސްޓް ހޭމަށް ކުޅެދިން 118 މެޗުގައި 47 ލަނޑުޖަހައިދީފައެވެ. އެންޓޯނިއޯ މި ރެކޯޑް މުގުރާލީ މިހާތަނަށް އެ ޓީމަށް ކުޅުނު 161 މެޗުގައި ޖެހި 49 ގޯލާއެކު އެވެ.
ލީގުގައި ވެސްޓް ހޭމަށް ދެން އޮތީ އަންނަ ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗެވެ. ހަމަ އެ ދުވަހު ލެސްޓާ ނިކުންނާނީ ރަށުން ބޭރުގައި ނޯވިޗް ސިޓީއާ ދެކޮޅަށެވެ. މި ދެ މެޗު ވެސް ފަށާނީ ހޮނިހިރު ދުވަހުގެ ރޭގަނޑު 7 ޖަހާއިރު އެވެ.
