ރާއްޖޭގައި މަރުގެ އަދަބު އިއްވާ މީހުން ދަންޖައްސައިގެން މަރަން ގާނޫނުގައި ހިމެނުމަށްޓަކައި، މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒުކުރުމާ ބެހޭ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދެވެ.

މަޖިލީހަށް ހުށަހެޅި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، މަރަށް ހުކުމް އިއްވާ ކުށްވެރިޔާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރާނީ އެ މީހަކު ދަންޖައްސައިގެންނެވެ. އެގޮތުން ދަންޖެއްސުން ކަމަށް ބަޔާންކޮށްފައި ވަނީ، ކުށްވެރިޔާގެ ފުރާނަ ނެތިކޮށްލުމަށްޓަކައި އޭނާގެ ކަރުގައި މަޅިއެއް އަޅުވައި ބާރުކުރުމަށް ފަހު، އެ މަޅީގައި އެލޭނެ ގޮތް ހެދުމެވެ.

މި ބިލުގައި ވާ ގޮތުން، ދަންޖައްސައިގެން އަދަބު ތަންފީޒުކުރުމަށް ބޭނުންކުރާ އާލަތްތަކާއި އެކަން ކުރާ ގޮތަކީ ކުށްވެރިޔާއަށް އެންމެ ވޭން ކުޑަ އަދި އެންމެ އަވަހަށް ފުރާނަ ދާނެ ގޮތް ކަމުގައި ވާންޖެހެ އެވެ. އަދި މިކަމުގައި ހަރަކާތްތެރިވާ މީހުންނަކީ އެކަމުގެ ހާއްސަ ތަމްރީނު ލިބިފައިވާ ބަޔަކަށް ވާންޖެހޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

މީހެއްގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރާ ވަގުތު، ޕޮލިސް ކޮމިޝަނަރު ނުވަތަ އޭނާ ކަނޑައަޅާ މީހަކާއި، ޕްރޮސެކިއުޓާ ޖެނެރަލް ނުވަތަ އޭނާ ކަނޑައަޅާ މީހަކާއި، ކޮމިޝަނަރު އޮފް ޕްރިޒަންސް ނުވަތަ އޭނާ ކަނޑައަޅާ މީހެއްގެ އިތުރުން ޑޮކްޓަރަކު އެ ތަނުގައި ހުންނަންޖެހޭނެ ކަމަށް ބިލުގައިވެ އެވެ. އަދި އަދަބު ތަންފީޒުކުރާ މަންޒަރު އާންމުކޮށް ފެންނާނެ ތަނެއްގައި އެކަން ކުރުމާއި، އެ މަންޒަރު ނުވަތަ އަޑު އެއްވެސް ސިފައެއްގައި ރެކޯޑުކޮށް އާންމުކުރުމަކީ މަނާ ކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ.

މީގެ އިތުރުން، މަރުގެ އަދަބު ތަންފީޒުކުރުން ފަސްކުރެވިދާނެ ހާލަތްތަކެއް ވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ. އޭގެ ތެރޭގައި ކުށްވެރިޔާ ބަލިވެއިނދެއްޖެ ނަމަ ނުވަތަ ތުއްތު ދަރިއަކު އޮތް އަންހެނެއް ނަމަ ދަރިފުޅަށް ދެ އަހަރު ފުރެންދެން ފަސްކުރުމާއި، ކުށްވެރިޔާގެ ސިއްހީ ނުވަތަ ނަފްސާނީ ހާލަތު އާދަޔާ ހިލާފަށް ދަށްވެފައިވާ ހާލަތްތަކުގައި އެ ހާލަތު ރަނގަޅުވަންދެން ފަސްކުރުން ހިމެނެ އެވެ. އަދި ކޯޓަށް މައްސަލަ މުރާޖައާކުރަން ހުށަހަޅާފައިވާ ނަމަ ގޮތެއް ނިމެންދެން އަދަބު ތަންފީޒުކުރުން ފަސްކުރަން ޖެހެ އެވެ.