މާލޭގެ ގޯޅިއެއްގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ތެރޭގައި ހަބަރު ހުސްވެފައި އޮތް ދިވެހި ފިރިހެނަކު އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މާލޭ ހުސައިނީގޯޅީގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގެ ތެރޭގައި ހަބަރު ހުސްވެފައި އޮތް މީހަކު އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 09:17 އެހައިކަންހާއިރުއެވެ. އެ ރިޕޯޓާ ގުޅިގެން ފުލުހުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައެވެ.
އެ މީހާ ވަގުތުން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އެ މީހާ އޮތީ ނިޔާވެފައި ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ. ނިޔާވެފައި ވަނީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން މައުލޫމާތު ދިނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ. މި މައްސަލައިގެ އިތުރު ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
