ސިޔާސީ ބޭނުމެއްގައި އެއްވެސް މީހަކު ހައްޔަރުކޮށް އަދަބު ދިނުމަކީ ދުވަހަކުވެސް މި ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށާއި، އިދިކޮޅު އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކޮށްފައިވަނީ ކުޑަކުއްޖަކާ ގުޅޭ ވަރަށް ސީރިއަސް މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މިދިޔަ ހޯމަ ދުވަހު ޝާހިދު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 30 ދުވަސް ޖަހައިދީފަ އެވެ. މި މައްސަލައިގައި ޝާހިދުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވި، އެ ވާހަކަތައް ސޯޝަލް މީޑިއާގައި ދެކެވުނު ނަމަވެސް ފުލުހުން އަދި މައްސަލައިގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ. އަދި ހައްޔަރު ކުރުމުގެ ކުޑަވަގުތުކޮޅެއް ކުރިން ޝާހިދު ވަނީ މިއީ ސިޔާސީ އަމަލެއްގެ ގޮތުގައި ސިފަކުރައްވައި އެކްސްގައި ޕޯސްޓެއް ވެސް ކުރައްވައިފަ އެވެ.

ކުރިއަށް އޮތް 2028 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވާ ޝާހިދަށް ތާއީދު ކުރާ ފަރާތްތަކުން ވެސް އަންނަނީ މިއީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށް ބުނެ ސަރުކާރަށާއި އެމްޑީޕީގެ އެހެން ފެކްޝަންތަކަށް ތުހުމަތުގެ އިނގިލި ދިއްކުރަމުންނެވެ. އެ މައްސަލައާ ގުޅިގެން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުވާލު ކުރުމުން ރައީސް ވިދާޅުވީ، ސިޔާސީ ގޮތުން ދައުވާކުރުމާއި ބަދަލުހިފުމުގެ ސަގާފަތް ނިމުމަކަށް ގެނައުމަކީ ވެވަޑައިގެންނެވި ވައުދެއް ކަމަށާއި، މި ސަރުކާރުން އެ ސަގާފަތް މިހާރު ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ޝާހިދުގެ މައްސަލައަކީ ކުޑަކުއްޖަކާ ގުޅިފައިވާ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ. "މީ ވަރަށް ސީރިއަސް ކުޑަކުއްޖަކާ ގުޅިފައިވާ ވަރަށް ސީރިއަސް ކަމެއް. އެހެންވީމަ މިކަމުގަ މީ އޮފެންޑަރަކީ ކޮންމެ މީހަކަށް ވިޔަސް އެ މީހަކާ ދޭތެރޭގަ ގާނޫނުގެ ތަފާތެއް ގެނެސްގެން ނުވާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކުށެއް ކުރި ކަމަށް ބެލެވޭ ކޮންމެ މީހަކާ ދޭތެރޭގައި ވެސް ގާނޫނީ ހަމަތަކާއި އިޖުރާއަތްތައް ފުރިހަމަކުރުމުގެ ފުރުސަތު ދައުލަތުގެ މުއައްސަސާތަކަށް ލިބެންޖެހޭނެ ކަމަށާއި، އެކަމަށް ސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެ ކަމަށެވެ. އަދި ގާނޫނުއަސާސީ ނަގަހައްޓައި އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ ޔަގީންކަން ރައްޔިތުންނަށް އަބަދުވެސް އޮންނާނެ ކަމަށާއި، އެއްވެސް ހާލަތެއްގައި ސިޔާސީ ބޭނުމެއްގައި ފިޔަވަޅު ނޭޅި ނަމަވެސް، ގައުމުގައި ގާނޫނުގެ ވެރިކަން ހިނގަންޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.