ސްރީލަންކާގެ ވަޒީރުންގެ މަޖިލީހުން އެ ގައުމަށް ޓޫރިސްޓް ވިސާގައި ޒިޔާރަތް ކުރާ ފަރާތްތަކަށް 180 ދުވަހުގެ ޓޫރިސްޓް ވިސާ ދޫކުރުމުގެ ހުއްދަ ދީފިއެވެ. 

ޓޫރިދސްޓް ވިސާގެ މުއްދަތު އިތުރުކޮށް ވިސާ ދޫކުރުމުގެ ހުއްދަ ވަޒީރުންގެ މަޖިލީހުން ދީފައިވަނީ މިއަދުއެވެ. ލަންކާ އަށް ޓޫރިސްޓް ވިސާގައި ޒިޔާރަތް ކުރާ ފަރާތްތަކަށް މީގެ ކުރިން ދޫކުރަމުން އައިސްފައިވަނީ 90 ދުވަހުގެ ޓޫރިސްޓް ވިސާއެވެ. 

ލަންކާގެ ރައީސްގެ ވިސްނުންފުޅާއި އެއްގޮތައް ވަޒީރުންގެ މަޖިލީހުން ޓޫރިސްޓް ވިސާގެ މުއްދަތު އިތުރުކޮށް އެގޮތައް ހުއްދަދީފައިވާއިރު އެ ގައުމުގެ ދިފާއީވަޒީރުވަނީ ވިސާއަށް ނެގުމަށް ކަނޑައަޅާފައިވާ އަގުތައް އިއުލާނު ކޮށްފައެވެ. 

އެގޮތުން: 

ސާކްގެ ގައުމުތަކުގެ ފަތުރުވެރިން ޓޫރިސްޓް ވިސާއަށް ކަނޑައަޅާފައިވަނީ 70 ޔޫއެސް ޑޮލަރެވެ. 

ސާކްގެ ގައުމުތަކުގައި ނުހިމެނޭ ފަތުރުވެރިން ޓޫރިސްޓް ވިސާ އަށް ކަނޑައަޅާފައިވަނީ 85 ޔޫއެސް ޑޮލަރެވެ. 

އޭގެ އިތުރުން ސިންގަޕޯރ، ދިވެހިރާޢްޖެ އަދި ސީޝެލްސްގެ ފަތުރުވެރިންގެ ޓޫރިސްޓް ވިސާއަށް ކަނޑައަޅާފައިވަނީ އެ ގައުމުތަކާއެކު ވެފައިވާ ބައިލެޓްރަލް އެއްބަސްވުމާއި އެއްގޮތްވާގޮތުގެ މަތިން 50 ޔޫއެސް ޑޮލަރެވެ. 

ލަންކާގެ ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވާގޮތުން ޓޫރިސްޓް ވިސާއަށް އެދި ހުށައަލާ ހުށައެޅުންތައް ބަލައިގަންނާނީ ހަމައެކަނި ސްރީލަންކާގެއ ޓޫރިސްޓް މޯބައިލް މެދުވެރިކޮށް އެ ގައުމުގެ ޑިޕާޓްމަންޓް އޮފް އެމިގްރޭޝަން އެންޑް އިމިގްރޭޝަނުން ކަނޑައަޅާފައިވާ އޮންލައިން އިލެކްޓްރޯނިކް ޓޫރިސްޓް ވިސާ އެކްޓިވޭޝަން ސިސްޓަމް މެދުވެރިކޮށް ހުށައަޅާ ހުށައެޅުންތައް އެކަންޏެވެ.