އެއްވެސް އިންސާނަކީ އޭނާއާމެދު ތަގުދީރު ނިޔާކޮށްފައިވާ ގޮތުން މުޖުތަމައުން އެކަހެރި ކުރެވިގެންވާނެ މީހެއް ނޫން ކަމަށާއި، ބިނާކުރަންވީ އެކަކުވެސް ބާކީނުކޮށް، އެންމެން ބައިވެރިވާ އަދި އެންމެންނަށް ގަދަރުކުރާ މުޖުތަމައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ އެކިއެކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ބާސެލޯ ނަސަންދުރާގައި ބޭއްވި "ރިވެލި އެވޯޑް" ދިނުމުގެ ހަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ހަފުލާއަށް އެކަމަނާ ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ މިނިސްޓަރު ޑރ. އައިޝަތު ރަމީލާގެ ބަދަލުގައި، މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގައިވާ ހަދީޖާ އަބްދުއްސަމަދު އަބްދުﷲ އެވެ.
މި ހަފުލާގައި "ރިވެލި އެވޯޑު 2026" ހާސިލުކުރި އަށް ފަރާތަކަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެވޯޑު ހަވާލުކޮށްދެއްވާފައެވެ. އެއަށްފަހު އެވޯޑު ލިބުނު ފަރާތްތަކާ މުހާތަބު ކުރައްވައި އެކަމަނާ ވިދާޅުވީ، އެ ބޭފުޅުންނަކީ އާދަޔާ ހިލާފު ކުޅެދުންތެރިކަމަކާއި ފަންނުވެރިކަމެއް ދައްކުވައިދިން، މުޖުތަމައުގެ ވަރަށް އަގުހުރި މޭސްތިރިންތަކެއް ކަމަށެވެ. އަދި އެ ފަރާތްތަކާމެދު ފަހުރުވެރިވެވަޑައިގަންނަވާ ކަމަށާއި، މުޖުތަމައުގެ ނިޒާމުތައް ބައްޓަންވާންވާނީ ކުލުނާއި ކަމޭހިތުމަށް ދިރުން ލިބި، އެންމެންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ޔަގީންވާ ގޮތަށް ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، ކީރިތި ގުރުއާނުގެ އަބަސަ ސޫރަތުގައި ބަޔާންވެގެންވާ ހާދިސާއަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، އެކިއެކި އުނިކަން ހުންނަ ފަރާތްތަކުގެ އިހުސާސްތަކަށް އިހުތިރާމުކުރުމާއި، އެ ފަރާތްތަކުގެ އަގުވަޒަންކުރުމަކީ އިސްލާމްދީން ބާރުއަޅާ އަދި މާތް ﷲ ލޯބިވެވޮޑިގަންނަވާ ކަމެއްކަން އެ ހާދިސާއިން ސާފުވާކަމަށް އެކަމަނާ ވިދާޅުވިއެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އެ ދައްކުވައިދެނީ އަޒުމާއި ސާބިތުކަމުގެ މުހިންމުކަން ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.
މާޒީގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާމެދު ތަފާތުކުރުންތައް ގެންގުޅެވިފައިވީ ނަމަވެސް، މިއަދު ދިވެހި މުޖުތަމައުގެ ވިސްނުމަށް ހެޔޮ ބަދަލުތަކެއް އައިސް ހޭލުންތެރިކަން އިތުރުވަމުން އަންނަކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި 2012 ވަނަ އަހަރުން ފެށިގެން މިފަދަ ފަރާތްތަކުގެ އަގުވަޒަންކުރުމާއި، އެ ފަރާތްތަކުގެ ހުނަރުތައް ކުރިއެރުވުމަށް ދައުލަތުގެ ފެންވަރުގައި ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާކަންވެސް އެކަމަނާ ހާމަކުރެއްވިއެވެ.
އެގޮތުން އެފަރާތްތަކަށް އިލްމީ ހޭލުންތެރިކަމާއި ފަރުވާގެ ފުރުސަތުތައް ފަހިކޮށްދެމުން އަންނަކަމަށާއި، އެފަރާތްތަކުގެ ކިބައިގައި ހުރި ހުނަރުތައް އާންމުކުރުމަށް ހިތްވަރުދީ، ޖަމާއީ ގޮތެއްގައި ވާގިވެރިވަމުން އައިސްފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މި ހަފުލާ ނިންމަވާލެއްވުމުގެ ގޮތުން، "ރިވެލި އެވޯޑު 2026" ލިބުނު އަށް ބޭފުޅުންނާއި، އަދި "ސްޕެޝަލް ރިކޮގްނިޝަން ޓޯކަން" ހާސިލުކުރި ފަރާތާއެކު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ހަނދާނީ ފޮޓޯއެއް ނަންގަވާފައެވެ.
