ކުޑަކުދިންނަށް ތަޢުލީމުދިނުމުގެ ނަމުގައި އުމުރާ ނުބައްދަލު މިންވަރަށް ބުރަކޮށް، މާގިނަ ވަގުތު ކިޔެވުމަށް މަޖުބޫރުކުރުމަކީ ކުދިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ލިބޭ ބޮޑު ގެއްލުމެކެވެ. މުއްސަނދި ވިސްނުމެއް އަށަގެންނެވުމުގެ ނަމުގައި ކުދިން ބުރައުފުލުމުން، އެ ކުދިންގެ ޤުދުރަތީ ކުރިއެރުމަށް ހުރަސްއެޅި، ދިގު މުއްދަތެއްގެ ނޭދެވޭ އަސަރުތަކާ ކުރިމަތިލާންޖެހެއެވެ.
މިފަދަ ޕްރެޝަރެއްގެ ސަބަބުން ކުދިންނަށް ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ނަފްސާނީގޮތުން ވަރުބަލިވެ، ހާސްކަން ބޮޑުވުމެވެ. ކުޅިވަރާއި މަޖާކޮށް އުފާވެރިކަމާއެކު އުޅެންޖެހޭ އުމުރުގައި، އަބަދުވެސް ކިޔެވުމުގެ ފިކުރާހުރެ ކުދިންގެ ވިސްނުން ހަނިވެ، ކަންކަމުގައި އަމިއްލައަށް އިސްނެގުމުގެ ޤާބިލުކަން ކުޑަވެގެންދެއެވެ. މިއީ ދިގު މުއްދަތެއްގައި ކުއްޖާގެ އުފެއްދުންތެރިކަމާއި ޝަޚުޞިއްޔަތު ބައްޓަންވުމަށް އެޅޭ ބޮޑު ހުރަހެކެވެ.
ހަމައެއާއެކު، މާބޮޑަށް ބޯގާނަމުން ކިޔެވުމުގައި ވަގުތު ހޭދަކުރުމުން ކުދިންގެ އިޖުތިމާޢީ ހުނަރުތައް ތަރައްޤީވުމަށް ހުރަސްއެޅެއެވެ. އާއިލާ މީހުންނާއި ރައްޓެހިންނާއެކު ވަގުތު ހޭދަ ކުރުމުގެ ފުރުޞަތު ކުޑަވުމުގެ ސަބަބުން، މުސްތަޤުބަލުގައި މުޖުތަމަޢާ ގުޅިގެން އުޅުމުގައި އެ ކުދިންނަށް ދަތިތަކާ ކުރިމަތިވެދާނެއެވެ. އިޖުތިމާޢީ މާޙައުލުތަކުން ބޭރުވުމަކީ ކުދިން އެކަހެރިވެ ނަފްސާނީ ގޮތުން ނިކަމެތިވެދާ ސަބަބެކެވެ.
މިކަމާ ގުޅޭގޮތުން ހަދާފައިވާ ދިރާސާތަކުން ދައްކާގައި، ކުދިންނަށް ކުރިމަތިވާ ތަޢުލީމީ މާބޮޑު ޕްރެޝަރަކީ (އެކަޑަމިކް ޕްރެޝަރަކީ) އެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ނުރައްކާވެ، ހާސްކަމާއި،ޑިޕްރެޝަން ފަދަ މައްސަލަތައް ކުރިމަތިވާ ކަމެކެވެ. (މިސާލަކަށް، މަޝްހޫރު ނަފްސާނީ އަދި ތަޢުލީމީ ދިރާސާތަކުން ފާހަގަކޮށްފައިވާގޮތުގައި، ހަމައެއްނެތި ކުދިންގެ މައްޗަށް ކިޔެވުމުގެ ބުރަ ބެހެއްޓުމުން ކުދިންގެ ސްޓްރެސް ލެވެލް މައްޗަށްގޮސް، އުނގެނުމުގެ ޝައުޤުވެރިކަން ކުޑަވެގެންދެއެވެ). ވީމާ، ކުދިންނަށް ތަޢުލީމުދިނުމުގައި ޤުދުރަތީ އުމުރާ އެކަށީގެންވާ މިންގަނޑުތަކެއް ހިފެހެއްޓުމަކީ މުހިންމު ކަމެކެވެ.
ހަވާލާ:
. ސްޓިއަރ، ޓީ.، ގުޓިއެރޭޒް މުނިއޯޒް، ސީ.، ސުލިވާން، އޭ.، އެންޑް ލުވިސް، ޖީ. (2023). ދި އެސޯސިއޭޝަން ބިޓްވީން އެކަޑެމިކް ޕްރެޝަރ އެންޑް އެޑޮލެސެންޓް މެންޓަލް ހެލްތް ޕްރޮބްލެމްސް: އޭ ސިސްޓެމެޓިކް ރިވިއު. ޖަރނަލް އޮފް އެފެކްޓިވް ޑިސޯޑަރސް، 339، 118–126.
