އެއްގަމު މަގުތަކުގަޔާއި ވައިގެ ތެރޭގައި އެއްފަހަރާ ދުއްވޭ ގޮތަށް ހާއްސަކޮށް އުފައްދާފައިވާ މޮޑިއުލާ ފްލައިން ކާރު، ޔުނައިޓެޑް އެރަބް އެމިރޭޓްސް ގައި ދިރިއުޅޭ އާންމު ފަރުދުންނަށް އަމިއްލައަށް ގަނެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ އެންމެ ފަހުގެ މަސައްކަތްތައް ފަށައިފިއެވެ. ޗައިނާގެ މަޝްހޫރު އެކްސްޕެންގް ކުންފުނީގެ ދަށުން ހިންގާ އެރިޖް ބްރޭންޑުން އުފައްދާފައިވާ މި އުޅަނދަކީ އާންމު ދަތުރުފަތުރަށް ބޭނުންކުރާ އެއާ ޓެކްސީތަކާ ހިލާފަށް، އަމިއްލަ މީހުންނަށް މިލްކުކުރެވޭ ގޮތަށް ބާޒާރަށް ނެރޭ ފުރަތަމަ މިފަދަ އުޅަނދެވެ. މި އުޅަނދު ޔޫއޭއީގެ މާކެޓަށް ނެރުމުގެ ހުއްދަތައް ހޯދުމުގެ މަސައްކަތް މިހާރު ދަނީ ބާރަށް ކުރިއަށެވެ.

"ލޭންޑް އެއާކްރާފްޓް ކެރިއާ" ގެ ނަމުން ނަންދީފައިވާ މި އުޅަނދަކީ މައިގަނޑު ދެ ބައެއް އެކުލެވޭ ގޮތަށް އުފައްދާފައިވާ އުޅަނދެކެވެ. މީގެ އެއްގަމު ބަޔަކީ ހަ ފުރޮޅުލީ، ހުރިހާ ފުރޮޅަކަށް ބާރު ލިބޭ ފުރިހަމަ އިލެކްޓްރިކް އުޅަނދެކެވެ. ކުރިމަގުގެ ވޭނެއް ނުވަތަ ޕިކަޕެއްގެ ބައްޓަމަށް ފަރުމާކޮށްފައިވާ މި ބައި ގޭގެ ގަރާޖުގައި ޕާކުކޮށް، އާދައިގެ ކާރެކޭ އެއްފަދައިން މަގުމަތީގައި ދުއްވައިލެވޭނެއެވެ. އަދި އޭގެ ފަހަތު ބައިގައި ވަނީ ދެ މީހުންނަށް ދަތުރުކުރެވޭ ގޮތަށް އުފައްދާފައިވާ ކުޑަ އިލެކްޓްރިކް ފްލައިން މޮޑިއުލެއް ފޮރުވާފައެވެ.

ކާރުގެ އެތެރޭގައި އިންނަ ފިތަކަށް އޮބާލުމާ އެކު، އުޅަނދުގެ ފަހަތުން މި ވައިގެ ބައި އަމިއްލައަށް ނުކުމެ، ސީދާ މައްޗަށް އުދުއްސައިގަންނާނެއެވެ. ވާޓިކަލްކޮށް ނައްޓާލައި އަދި ޖައްސާ މި އުޅަނދަކީ ކުރު ދަތުރުތައް ކޮށްލުމަށް ހާއްސަ ޒަމާނީ އުޅަނދެކެވެ. މި އުޅަނދުގެ ވައިގެ ބައި ވަކިވުމަށް ފަހު، އެއްގަމު އުޅަނދު މަގުމަތީގައި ބާއްވާފައި ވައިގެ ތެރޭގައި ދަތުރުކޮށްލުމުގެ ފުރުސަތު ދުއްވަން އިންނަ މީހާއަށް ލިބިގެންދާނެއެވެ.

ޔޫއޭއީގެ ރައުސުލްހައިމާ ސަރުކާރުން މިހާރު ވަނީ މިފަދަ އުޅަނދުތައް އާންމުންނަށް ރައްކާތެރިކަމާ އެކު ބޭނުންކުރެވޭނެ ގަވާއިދުތައް އެކުލަވާލުމަށްޓަކައި އެރިޖް ކުންފުންޏާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ނަމަވެސް ބާޒާރަށް މި ކާރު ނެރުނު ކަމުގައި ވިޔަސް، އާންމު މަގުތަކުންނާއި ހައިވޭތަކުން އުދުއްސައިގަތުމަކީ މަނާ ކަމެކެވެ. މި އުޅަނދު ދުއްވަން ހުއްދަ އޮންނާނީ ޔޫއޭއީގެ ޖެނެރަލް ސިވިލް އޭވިއޭޝަން އޮތޯރިޓީން ކަނޑައަޅާ ހާއްސަ ތަންތަނުން، ވަކި އުސްމިނެއްގައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް 7،000 އަށް ވުރެ ގިނަ އޯޑަރު މި އުޅަނދަށް ލިބިފައިވާއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 600 އޯޑަރަކީ ގަލްފު ސަރަހައްދުގެ ގައުމުތަކުން ލިބިފައިވާ އޯޑަރުތަކެވެ. ޔޫއޭއީގައި މި އުޅަނދު ރަސްމީކޮށް އާންމުންގެ އަތްމައްޗަށް ދޫކުރަން ފަށާނީ ސިވިލް އޭވިއޭޝަންގެ އެންމެ ފަހުގެ ސެޓްފިކެޓްތަކާއި ހުއްދަތައް ލިބުމުންނެވެ.