ހޮލީވުޑްގެ މަޝްހޫރު ބަތަލާ މޭގަން ފޮކްސް، އޭނާގެ ހަޔާތުގައި ލޯބީގެ ގޮތުން ގުޅުނު މީހުންނާ ގުޅޭގޮތުން ލިޔެފައިވާ ޅެން ފޮތުގައި ރީތި ފިރިހެނުންނަކީ "ވިހަ" ބައެއްގެ ގޮތުގައި ސިފަކޮށްފިއެވެ. އޭނާގެ މި ޅެން ފޮތް ނެރެފައިވަނީ "ޕްރިޓީ ބޯއިސް އާ ޕޮއިޒަނަސް" ގެ ނަމުގައެވެ.

މި ފޮތް ނެރުމާ ގުޅިގެން މީޑިއާތަކަށް ދިން އިންޓަވިއުތަކުގައި މޭގަން ވަނީ، އޭނާގެ މުޅި ހަޔާތުގައިވެސް ގުޅުނީ ހަމައެކަނި ރީތި ސިފަ ހުންނަ ފިރިހެނުންނާ ކަމަށް ބުނެފައެވެ. އެގޮތުން އޭނާ ލޯބީގެ ގޮތުން ގުޅުނީ މަޝްހޫރު ލަވަކިޔުންތެރިންނާއި އެކްޓަރުން ފަދަ މީހުންނާ ކަމަށާއި، އާދައިގެ ސިފައެއް ހުންނަ ނުވަތަ ހުތުރު ފިރިހެނަކާ ދުވަހަކުވެސް ރައްޓެހިނުވާ ކަމަށް އޭނާ ހާމަކުރިއެވެ.

މީގެ އިތުރުން މޭގަން ފާހަގަކުރި ގޮތުގައި، މި ޅެންތަކުގައި އަލިއަޅުވާލާފައިވަނީ މީހުން އިސްލާހުކޮށް ސަލާމަތްކުރުމަށް އޭނާގެ ކިބައިގައި ހުންނަ އާދައަށެވެ. އަދި އަމިއްލަ އުފާތައް ގުރުބާންކޮށް، ގުޅުންތަކުގައި ފިރިހެނުންގެ ސިއްރުތައް ހިފަހައްޓައިދޭ މީހަކަށް ވެގެން އުޅުމުން ދިމާވި ހިތްދަތި ތަޖުރިބާތަކުގެ ވާހަކަ މި ފޮތުގައި ވަނީ ހިމަނާފައެވެ.

"އަހަރެން އަބަދުވެސް ރައްޓެހިވީ ލަވަކިޔުންތެރިންނާއި އެކްޓަރުންނާ، އެއީ ރީތި ފިރިހެނުންގެ ބައިގައި ހިމެނޭ މީހުން، އެހެންވެ އެ ނަން އަހަރެންގެ ތަޖުރިބާތަކާ ވަރަށް ބޮޑަށް ގުޅޭ،" އިންޓަވިއުއެއްގައި މޭގަން ބުންޏެވެ.

މޭގަން ދާދިފަހުން އިވެންޓެއްގައި ދިން ނަސޭހަތެއްގައި ވަނީ، ފިރިހެނުންގެ ފަހަތުން ދުވެ އަމިއްލަ ހަކަތަ ބޭކާރު ނުކުރުމަށް އަންހެނުންނަށް ގޮވާލާފައެވެ. މި ނަސޭހަތް ގުޅިފައިވަނީ ސޯޝަލް މީޑިއާގައި މިހާރު މަގުބޫލުވަމުން އަންނަ، ލޯބީގެ ގުޅުންތަކާ ދުރުހެލިވެ އަމިއްލަ ނަފުސާއި ރަހުމަތްތެރިކަމަށް އިސްކަންދިނުމުގެ ހަރަކާތާ ކަމަށް ރިޕޯޓުތައް ބުނެއެވެ.