ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީވިލާތަށް ފުރާވަޑައިގެންފިއެވެ. ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސް ތުރުކީވިލާތަށް ކުރައްވާ މި ދަތުރުފުޅަކީ މިއަދުން ފެށިގެން މިމަހުގެ 14 އަށް އެ ގައުމުގެ އަންތާލިޔާގައި ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވާކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 31 ވަނަ ސެޝަން (ކޮޕް31) ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ރާއްޖޭގެ ފަރާތުން ރައީސް ގައުމީ ބަޔާން އިއްވަވާނެއެވެ. މީގެ އިތުރުން މަތީ ފަންތީގެ އެކި ހަރަކާތްތަކާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، އެހެން ގައުމުތަކުގެ ވެރިންނާއެކު ބައްދަލުވުންތައް ބޭއްވެވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ކޮޕް31 އަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ހަލުވިކުރުމަށްޓަކައި، ދުނިޔޭގެ ލީޑަރުންނާއި މެންބަރު ގައުމުތަކުގެ މަންދޫބުން އެއްތަނަކަށް ޖަމާވާ ބޮޑު ސަމިޓެކެވެ. މި ސަމިޓުގައި ވިޔަފާރިވެރިންނާއި، ޒުވާނުންނާއި، މޫސުމާ ބެހޭ ސައިންސްވެރިންގެ އިތުރުން މަދަނީ ޖަމިއްޔާތަކުން ބައިވެރިވެ އެ ފަރާތްތަކުގެ ތަޖުރިބާތަކާއި ހޯދުންތައް ހިއްސާކުރާނެއެވެ.
ކޮޕް ސަމިޓަކީ 1992 ވަނަ އަހަރު ވުޖޫދުކުރި ތާރީހީ ޔޫއެންއެފްސީސީސީ މުއާހަދާގެ ދަށުން ބާއްވާ 31 ވަނަ ސަމިޓެވެ. މި މުއާހަދާއަކީ 2015 ވަނަ އަހަރު އެކުލަވާލި މަޝްހޫރު ޕެރިސް އެގްރީމެންޓުގެ އަސްލު ވެސް މެއެވެ.
