ދިވެހިރާއްޖޭގެ 58 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި ތަހުނިޔާ ފޮނުއްވާފައިވަނީ ސޯޝަލް މީޑިއާ މެދުވެރިކުރައްވައެވެ.

ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވަނީ، މި ބަރަކާތްތެރި ދުވަހުގެ ހެޔޮއެދުންތައް ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ. އަދި ރައްޔިތުންނަށް އުފާވެރިކަމާއި ބާއްޖަވެރި ދުވަސްތަކަކަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވެސް ވަނީ މި މުނާސަބަތުގައި ރައްޔިތުންނަށް ހެޔޮއެދުންތައް ފޮނުއްވާފައެވެ. އެކަމަނާގެ މެސެޖުގައި، ޖުމްހޫރީ ވެރިކަމުގެ ހިޔާވަހިކަމުގައި ގައުމަށް ފާގަތިކަމާއި ތަރައްގީ މިންވަރުކުރެއްވުމަށާއި، ދިވެހި އުންމަތަށް ބާއްޖަވެރިކަން ދެއްވުން އެދިވަޑައިގެން الله ގެ ހަޟްރަތުގައި ދުއާ ދަންނަވާފައިވެއެވެ.

ދިވެހިރާއްޖޭގައި ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ގޮތުގައެވެ. ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އިއުލާންކުރީ 1953 ވަނަ އަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހުއެވެ. އޭގެ ފަހުން ދެވަނަ ޖުމްހޫރިއްޔާ އިއުލާންކުރެވި، މިއަދާ ހަމައަށް 58 އަހަރު ވަނީ ފުރިހަމަވެފައެވެ.

ދެވަނަ ޖުމްހޫރިއްޔާގެ ދިގު ތާރީހުގައި މިހާތަނަށް ހަތް ބޭފުޅަކު ވަނީ ގައުމުގެ ވެރިކަން ކުރައްވާފައެވެ. އެ ބޭފުޅުންނަކީ ރައީސް އިބްރާހީމް ނާސިރާއި، ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ރައީސް މުހައްމަދު ނަޝީދާއި، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންގެ އިތުރުން ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމާއި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.