މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް އާދަމް އަދީމް އައްޔަންކޮށްފިއެވެ. މި ބަދަލު ގެނެސްފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް މެންބަރުން އައްޔަންކުރުމުގެ ޒިންމާ އޮންނަ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ންނެވެ.
އާދަމް އަދީމް އެމްޕީއެލްގެ ބޯޑަށް އައްޔަންކުރެއްވުމާއެކު، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ޖުމްލަ އަދަދު މިހާރު ވަނީ 8 އަށް އަރައިފައެވެ.
އެމްޕީއެލްގެ ބޯޑުގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި، ޗެއާޕާސަންގެ މަގާމުގައި އިންނަވަނީ އާމިނަތު ހަމީދުއެވެ. އަދި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ކެޕްޓަން ހުސައިން ޝަފީގެވެ. މީގެ އިތުރުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވަމުން ގެންދަވަނީ މުހައްމަދު ލަމްއާންއެވެ.
މި ބޭފުޅުންގެ އިތުރުން އެމްޕީއެލްގެ ބޯޑުގައި ނޮން-އެގްޒެކެޓިވް ޑިރެކްޓަރުންގެ ގޮތުގައި ތިއްބަވަނީ އަހުމަދު އިލްޔާސްއާއި މުހައްމަދު ވަހީދުގެ އިތުރުން އަހުމަދު އީހާބްއާއި ފާތިމަތު ޝަފަގް ރަފީއުއެވެ.
