ތުރުކީވިލާތުގެ އަންތާލިޔާގައި މިހާރު ކުރިއަށްދާ އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ ކޮންފަރެންސް (ކޮޕް31) ސަމިޓުގެ ހަވާސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސީޝެލްސްގެ ނައިބު ރައީސް ސަބާސްޓިއަން ޕިއްލޭއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި ވަނީ މޫސުމީ ބަދަލުތަކާ ދެކޮޅަށް އިންޓަނޭޝަނަލް ފެންވަރުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ.

މި މަޝްވަރާތަކުގައި ދެ ލީޑަރުންގެ މައިގަނޑު އަމާޒަކަށް ވެވަޑައިގެންނެވީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް މޫސުމީ ގޮންޖެހުންތަކުގެ ސަބަބުން ކުރިމަތިވަމުންދާ ނޭދެވޭ އަސަރުތަކާއި ލިބެމުންދާ ގެއްލުންތައް ކުޑަކުރުމެވެ. އަދި މިފަދަ ނާޒުކު ގައުމުތަކަށް އިންޓަނޭޝަނަލް މުޖުތަމައުގެ އެހީތެރިކަން އަވަހަށް ހޯދުމުގެ މުހިންމުކަމުގެ މައްޗަށް ދެ ބޭފުޅުން އަލިއަޅުއްވާލެއްވިއެވެ.

މީގެއިތުރުން، އިންޓަނޭޝަނަލް މަސްރަހުގައި ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުގައި އެކުގައި ވަކާލާތުކުރެއްވުމަށް ދެ ލީޑަރުން އެއްބަސްވެވަޑައިގެންނެވިއެވެ. އަދި މޫސުމީ ވިލުންތެރިކަން ހަރުދަނާކުރުމަށް ކޮންމެހެން ބޭނުންވާ މާލީ އެހީތެރިކަމާއި އެކަށީގެންވާ ވަސީލަތްތައް ހޯދުމަށް ދެ ގައުމު ގުޅިގެން މަސައްކަތްކުރެއްވުމަށް ވެސް ދެ ބޭފުޅުން ވަނީ ނިންމަވާފައެވެ.

އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ މުއާހަދާގެ 31 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް31) ގެ ހަރަކާތްތައް ކުރިއަށް ދަނީ މި މަހުގެ ނުވަޔަކުން 20 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ސަމިޓުގެ ތެރެއިން ދުނިޔޭގެ ވެރިންގެ މަތީ ފަންތީގެ ބައްދަލުވުންތައް ތާވަލުކޮށްފައި ވަނީ މި މަހުގެ 11 އިން 12 އަށެވެ.