އޭއެފްސީ ކަޕްގެ ގްރޫޕް ޑީގައި ރޭ ކުޅުނު މެޗުން އިންޑިއާގެ ބެންގަލޫރު އެފްސީ އަތުން 6-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ރާއްޖޭގެ މާޒިޔާ ބަލިވިއިރު، އެ ގްރޫޕުގެ އަނެއް މެޗުގައި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއާ 1-1 އިން އެއްވަރުކޮށް އޭޓީކޭ މޯހަން ބަގާން އެ މުބާރާތުގެ ނޮކްއައުޓް ބުރުން ޖާގަ ހޯދައިފިއެވެ.
އިއްޔެގެ މެޗުތަކަށްފަހު މި ގްރޫޕުގެ އެއްވަނައިގައި އޮތް މޯހަން ބަގާން އަށް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ބަޝުންދަރާ އެވެ. ތިންވަނައިގައި އޮތް ބެންގަލޫރަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، މާޒިޔާ ފުލުގައި އޮތީ ޕޮއިންޓެއްނުލިބިއެވެ.
ރޭގެ މެޗަށް ނިކުތްއިރު މާޒިޔާ އާއި ބެންގަލޫރުން ވަނީ ފުރަތަމަ އެގާރަ އަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، މާޒިޔާގެ އެއްވަނަ ގޯލްކީޕަރު އުޒްބެކިސްތާންގެ މިރްޒޮހިދު މަމަކްތޯނޯފްގެ ބަދަލުގައި ރާއްޖޭގެ ގައުމީ ޓީމުގެ ކީޕަރު ހުސެއިން ޝަރީފް (ހުސެން) އަށް ފުރުޞަތު ދީފައެވެ. ބެންގަލޫރުގެ ކެޕްޓަން ސުނީލް ޗެތުރީގެ ބަދަލުގައި އުދަންތާ ސިންގ އަށް ފުރަތަމަ އެގާރައިން ޖާގަ ދީފައިވެއެވެ.
ގަލޮޅު ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރީން ބެންގަލޫރުން ވަނީ ތިން ލަނޑުގެ ލީޑެއްނަގާފައެވެ. ބެންގަލޫރުން މި މެޗުގައި ޖެހި ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ އުދަންތާ އެވެ. އޭނާ މި ލަނޑުޖެހީ ގޯލުއީ ސަރްތާކް ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. އޭގެފަހުން، މެޗުގެ 19 ވަނަ މިނެޓުގައި ބެންގަލޫރުގެ ދެވަނަ ލަނޑު، ބްރެޒިލްގެ ފޯވާޑް ކްލެއިޓަން ސިލްވާ ކާމިޔާބުކޮށްދިންއިރު، މެޗުގެ ފުރަތަމަ ހާފު ނިމެން ނުވަ މިނެޓަށްވެފައިވަނިކޮށް އެ ޓީމުގެ ތިންވަނަ ލަނޑުޖަހައިދިނީ ލެއޮން އޮގަސްޓީން އެވެ.
މާޒިޔާ އިން މި މެޗުގައި ޖެހި ފުރަތަމަ ގޯލް، 67 ވަނަ މިނެޓުގައި ހަމްޒާ މުހައްމަދު (ހަމްޕު) ކާމިޔާބުކޮށްދިންއިރު، އޭގެ ހަތް މިނެޓުފަހުން ބެންގަލޫރުގެ ތިން ލަނޑުގެ ލީޑް ދަމަހައްޓައިދިނީ ދެވަނަ ހާފުގައި ކުޅެން ނިކުތް ސިވާސަކްތީ ނަރާޔަނަން އެވެ. އޭގެފަހުން، މެޗުގެ 82 ވަނަ މިނެޓުގައި މާޒިޔާ އަށް ފަރަގު ކުޑަކޮށްދިނީ ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ. އެކަމަކު، އޭގެ ތިން މިނެޓުފަހުން، ބިދްޔާޝަގަރު ސިންގ ވަނީ އަލުން ބެންގަލޫރުގެ ލީޑް ދަމަހައްޓާފައެވެ. އަދި މެޗުގެ އިތުރުވަގުތުގައި ބިދްޔާޝަގަރު ވަނީ އިތުރު ގޯލެއްޖަހައި ބެންގަލޫރަށް ބޮޑު މޮޅެއް ހޯދައިދީފައެވެ.
މި މުބާރާތުގައި އިއްޔެ ކުޅުނު އަނެއް މެޗުގެ ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ބްރެޒިލްގެ މިޑްފީލްޑަރު ފެނާންޑޭސް ބަޝުންދަރާ އަށް ލީޑްނަގައިދީފައިވަނިކޮށް، މި ހާފުގެ ފަހު ކޮޅު އެ ޓީމުގެ ފުލްބެކް ސުޝާންޓޯ ޓްރިފޫރާ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުން ވަނީ މައްސަލަތައް ކުރިމަތިވެފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މޯހަން ބަގާން އިން ފަހު ހާފުގައި ވަނީ އެއްވަރުކޮށްފައެވެ. މެޗުގެ 62 ވަނަ މިނެޓުގައި މޯހަން ބަގާންގެ މި ލަނޑުޖަހައިދިނީ އޮސްޓްރޭލިއާގެ ފޯވާޑް ޑޭވިޑް ވިލިއަމްސް އެވެ. އޭނާ މި ލަނޑުޖެހީ މި ފަހަރުގެ ގްރޫޕް ސްޓޭޖުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ލިސްޓަން ކޮލާސޯ ތަނަވަސްކުރި ފުރުޞަތަކުންނެވެ.
