ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުން މަތިކޮށްފައިވާ ޒިންމާ އަދާކުރުމުގައި ވިޔަފާރިތަކުގެ ބާވަތާއި ކުޑަބޮޑުމިނަށް ނުބަލާ ކަމަށް ބުނެ، މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު މަޖިލީހުގައި ދެއްކެވި ވާހަކަފުޅުތަކަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު ރައްދު ދީފި އެވެ. މީރާއިން މި މޭރުމުން ބަޔާނެއް ނެރުނީ، ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް މީރާއިން ދާންވީ ހަމައެކަނި ކަންމަތީ ފިހާރަތަކަށް ނޫން ކަމަށާއި ރިސޯޓުތައް ވެސް އޮޑިޓުކުރަން ޖެހޭ ކަމަށް ބަޖެޓު ކޮމިޓީގައި ގަވަރުނަރު ވިދާޅުވުމާ ގުޅިގެންނެވެ.
މީރާއިން ނެރުނު ބަޔާނުގައި ބުނީ، އެ އޮތޯރިޓީއާ މަތިކޮށްފައިވާ ގާނޫނީ މައިގަނޑު ޒިންމާއަކީ ޓެކްސް ގާނޫނުތައް ތަންފީޒު ކުރުމާއި، ޓެކްސްއާ ބެހޭ ސިޔާސަތުތައް ހިންގުމުގެ އިތުރުން ދައުލަތަށް ލިބެންޖެހޭ އެންމެހައި ޓެކްސް ނެގުމުގެ މަސައްކަތް ބެލެހެއްޓުން ކަމަށެވެ. އަދި ޓެކްސް ދައްކާ ފަރާތްތަކުން ހިސާބުތައް ތައްޔާރުކުރަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމާއި، ގާނޫނީ ޒިންމާތައް އަދާކުރާކަން ކަށަވަރު ކުރުމަކީ ފެށުނީއްސުރެ ހަމަހަމަކަމާ އެކު ކުރަމުން އަންނަ ކަމެއް ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
އޮޑިޓު ކުރުމުގެ ކަންކަން ކުރިއަށްދާ ގޮތް ތަފުސީލުކޮށްދެމުން މީރާއިން ބުނީ، އޮޑިޓުކުރަން ފަރާތްތައް ކަނޑައަޅަނީ ވަކި ވިޔަފާރިއަކަށް ބެލުމެއް ނެތި، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް އެކުލަވާލާފައިވާ "ރިސްކު ބޭސްޑް" ކޮމްޕްލަޔަންސް ރިސްކު މެނޭޖުމަންޓު އޮނިގަނޑެއްގެ ދަށުން ކަމަށެވެ. އެ އުސޫލުގެ ދަށުން ޓޫރިޒަމް ދާއިރާގެ ބޮޑެތި ވިޔަފާރިތަކާއި އެ ނޫން އެހެން ދާއިރާތަކުގެ ވިޔަފާރިތައް ވެސް މެދުކެނޑުމެއް ނެތި އޮޑިޓު ކުރަމުންދާ ކަމަށާއި، މީރާއަށް ލިބޭ އާމްދަނީގެ ބޮޑު ޕަސަންޓެއް ހިއްސާކުރަނީ ވެސް ޓޫރިޒަމް ދާއިރާއިން ކަމަށް މީރާއިން ފާހަގަކުރި އެވެ.
މީރާގެ ބަޔާނުގައި ބުނެފައިވަނީ، ޓެކްސް ނެގުމުގެ ނިޒާމު ފަރުމާކުރެވިފައި ވަނީ ކުދި ވިޔަފާރިތަކަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެހިގެންދާނެ ގޮތަށް ކަމަށެވެ. "މި ޒިންމާ އަދާކުރުމުގައި ވިޔަފާރީގެ ބާވަތާއި ކުޑަބޮޑުމިނަށް ބެލުމުގެ ބަދަލުގައި ހުރިހާ ފަރާތްތަކުގެ މެދުގައި ގާނޫނު ހަމަހަމަކޮށް ތަންފީޒު ކުރުމަކީ މީރާއިން ފެށުނީއްސުރެން ވެސް އަމަލުކުރަމުންދާ އުސޫލެވެ،" މީރާގެ ބަޔާނުގައި ވެ އެވެ. އަދި ހިސާބު ބެލެހެއްޓުމާއި ޓެކްސް ބަޔާން ހުށަހެޅުމުގައި ކުދި ވިޔަފާރިތަކަށް ލުއިތައް ދީފައިވީ ނަމަވެސް، ގަސްދުގައި ޓެކްސް ނުދައްކާ އެއްވެސް ފަރާތަކަށް ދޫދިނުމެއް ނެތި ފިޔަވަޅު އަޅަމުން އަންނަ ކަމަށް ބުންޏެވެ.
މީރާއިން މިފަދަ ބަޔާނެއް ނެރުނީ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައި ވާހަކަދައްކަވަމުން، ޓޫރިޒަމް ދާއިރާއަށް އަހަރަކު 5.9 ބިލިއަން ޑޮލަރު ލިބޭއިރު ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަނީ އެންމެ 3.8 ބިލިއަން ޑޮލަރު ކަމަށާއި ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް ނުދައްކާ ރިސޯޓުތައް ގިނަ ކަމަށް ގަވަރުނަރު ވިދާޅުވުމުންނެވެ. މީރާއިން ބުނީ އެ އޮތޯރިޓީގެ މަސައްކަތްތައް އަބަދުވެސް ބައްޓަންކޮށްފައި ވަނީ ވިޔަފާރިތަކަށް އެހީތެރިކަން ދީގެން ޓެކްސް ކޮމްޕްލަޔަންސް އިތުރުކުރުމަށް ކަމަށެވެ.
