ކުނިން ތިމާވެށި ތަގައްޔަރުވުން ހުއްޓުވުމަށްޓަކައި، ކުނި އުފެދޭ ސަބަބުތަކުން ފެށިގެން އެކަމަށް ފިޔަވަޅު އަޅަންޖެހޭ ކަމަށާއި، ކަނޑުގެ މާހައުލު ހިމާޔަތްކުރުމަށްޓަކައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުން މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އދ.ގެ ކޮންފަރެންސް (ކޮޕް31) ގެ ތެރެއިން، ތުރުކީގެ އަންތާލިޔާގައި ބޭއްވި "ހައި-ލެވެލް މީޓިންގ އޮފް ދަ ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ، ތިމާވެށި ސާފުކޮށް ބެލެހެއްޓުމުގައި އިސްނަގާނެ ޖީލެއް ބިނާކުރުމަށްޓަކައި ކުޑަކުދިން ބާރުވެރިކުރުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ދެމެހެއްޓެނިވި ބަދަލަކަށް ވާސިލުވެވޭނީ އާއިލާތަކާއި، ސްކޫލްތައް އަދި މުޅި މުޖުތަމައު އެކުގައި ގުޅިގެން ކުރާ މަސައްކަތުން ކަމަށާއި، ހަގީގީ ބަދަލަކީ ގޭތެރެއިން ފަށައިގެން ސްކޫލްތަކުގެ ތެރެއިން މޫލައި މުޖުތަމައުގައި ހެދިބޮޑުވާންޖެހޭ ކަމެއް ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

ތިމާވެށި ހިމާޔަތްކުރުމަށާއި ކުނީގެ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ދުނިޔޭގެ ގައުމުތައް ގުޅިގެން މަސައްކަތްކުރުމަށް ތުރުކީގެ ރައީސްގެ އަނބިކަނބަލުން އެމިނޭ އުރުދުގާން އިންތިޒާމުކުރެއްވި މި ބައްދަލުވުމުގައި، ކަނޑަށް އެޅޭ ކުނީގެ ސަބަބުން ފަރުތަކަށާއި ދިރުންތަކަށް ކުރާ ނޭދެވޭ އަސަރުތައް ވެސް އެކަމަނާ ހިއްސާކުރެއްވިއެވެ. އަދި ދުނިޔޭގެ ފެންވަރުގައި ހިންގާ ޒީރޯ ވޭސްޓް ހަރަކާތްތަކަށް ރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން ހާމަކުރައްވައި، ކުންޏަކީ އުކާލުމުން އަމިއްލައަށް ނެތިގެންދާ އެއްޗެއް ނޫންކަން އެކަމަނާ ހަނދާންކޮށްދެއްވިއެވެ.

ރާއްޖެއިން ތިމާވެށި ރައްކާތެރިކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން، މިދިޔަ އޮގަސްޓް މަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވި ކުނި ނައްތާލުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތައް އެކަމަނާ ފާހަގަކުރެއްވިއެވެ. މި އިސްލާހުތަކުގެ ދަށުން ގަވާއިދާ ހިލާފަށް ރާއްޖެއަށް ކުނި އެތެރެކުރުން މަނާކޮށް، ނުރައްކާތެރި ކުނީގެ ވިޔަފާރި ހުއްދަނެތި ކުރާ ފަރާތްތަކަށް ހަރުކަށި އަދަބުތަކެއް ކަނޑައަޅާފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ކުނި ނައްތާލުމަކީ އެންމެންގެ ޒިންމާއެއްކަން ފާހަގަކުރައްވައި އެކަމަނާ އިތުރަށް ވިދާޅުވީ، ރާއްޖެ ފަދަ މުދާ އެތެރެކުރާ ގައުމުތަކުން އުފުލަން ޖެހެނީ އެހެން ގައުމުތަކުން އެކްސްޕޯޓްކުރާ ކުނީގެ ބުރަ ކަމަށެވެ. އެހެންކަމުން އުފެއްދުންތެރިންގެ ޒިންމާ މުދާ ވިއްކުމުން ނިމިގެން ނުވާނެ ކަމަށާއި، ތިމާވެއްޓާ ރައްޓެހި ގޮތްތަކާއި އާ ޓެކްނޮލޮޖީ ބޭނުންކޮށްގެން ސާކިއުލާ އިކޮނޮމީއަކަށް ވާސިލުވުމަށް މާލީ އެހީތެރިކަން ލިބޭނެ މަގު ފަހިވާންޖެހޭ ކަމަށް ވިދާޅުވިއެވެ.