ބޭރުން އެތެރެކުރާ ތެލަށް ރާއްޖެއިން ބަރޯސާވެފައިވާ މިންވަރު ކުޑަކުރުމަކީ ގައުމީ ފެންވަރުގައި ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ތުރުކީވިލާތުގެ އަންތާލިޔާގައި މިހާރު ކުރިއަށްދާ ކޮޕް31 ލީޑާސް ސަމިޓުގެ ހަވާސާގައި ބޭއްވި "ހައި-ލެވެލް ޑައިލޮގް އޮން ކްލީން އެނާޖީ ޓްރާންސިޝަން އެންޑް އިލެކްޓްރިފިކޭޝަން: 35 ބައި 35: ޕަވަރިން ދަ ފިއުޗާ" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަށް ހައްލެއް ހޯދުމަށް ސާފު ހަކަތައަށް ބަދަލުވުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. މީގެ އިތުރުން މިއީ ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އިގްތިސާދު ހިމާޔަތްކުރުމާއެކު، އިތުބާރުހުރި ގޮތެއްގައި ހަކަތަ ފޯރުކޮށްދިނުން ޔަގީންކުރުމަށްޓަކައި ވެސް އަޅަންޖެހޭ މުހިންމު ފިޔަވަޅެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 ޕަސަންޓު، އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް 2023 ވަނަ އަހަރު ކަނޑައަޅާފައިވާ އަމާޒަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެ އަމާޒު ހާސިލުކުރުމަށްޓަކައި އެނާޖީ ސްޓޯރޭޖް ސިސްޓަމްތަކަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ބޭނުންވާ ކަމަށެވެ. އަދި ރާއްޖޭގެ ރަށްތައް ޖިއޮގްރަފީ ގޮތުން އެކަހެރިކޮށް އުފެދިފައިވުމުގެ ސަބަބުން، ހަކަތައިގެ އުމްރާނީ ވަސީލަތްތައް ތަރައްގީކޮށް ބެލެހެއްޓުމުގެ ހަރަދު ވަރަށް ބޮޑުތަން އިތުރުވެގެންދާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ހަކަތައިގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ "މޯލްޑިވްސް އެނާޖީ ރޯޑްމެޕް 2024–2033" އިފްތިތާހުކޮށްފައިވާކަން ވެސް ރައީސް ހާމަކުރެއްވި އެވެ. މި ރޯޑްމެޕަކީ ތެލަށް ބަރޯސާވެފައިވާ ހަކަތައިގެ ނިޒާމުތަކުން، ދެމެހެއްޓެނިވި، ހަރަދުކުޑަ އަދި ވިލުންތެރި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަކަށް ބަދަލުވުމުގެ އޮނިގަނޑެއްގެ ގޮތުން އެކުލަވާލާފައިވާ މަގުޗާޓެކެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ދުނިޔޭގެ ހަކަތައިގެ ނިޒާމު ބަދަލުކުރުމުގެ ކާމިޔާބީ ބިނާވެފައިވަނީ ވެވޭ ވައުދުތައް އަމަލީ މަސައްކަތަށް ބަދަލުކުރެވޭ މިންވަރެއްގެ މައްޗަށް ކަމަށެވެ. އަދި ސާފު އަދި ވިލުންތެރި ހަކަތައިގެ މުސްތަގުބަލެއް ބިނާކުރުމުގައި ބައިނަލްއަގުވާމީ ބައިވެރިންނާ ގުޅިގެން މަސައްކަތްކުރުމަށް ރާއްޖެ އަބަދުވެސް ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.