ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ތުރުކީވިލާތުގެ ރައީސްގެ އަނބިކަނބަލުން އެމިނޭ އުރުދުޣާންއާ ބައްދަލުކުރައްވައި، ތިމާވެށި ރައްކާތެރިކުރުމާއި ދެމެހެއްޓެނިވި ގޮތުގައި ކުނި ނައްތާލުމަށް ދެ ގައުމު ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިހާރު ކުރިއަށްދާ ކޮޕް31 ސަމިޓުގެ ހަވާސާގައެވެ.
މި ބައްދަލުކުރެއްވުމުގައި، އެމިނޭ އުރުދުޣާންގެ އިސްނެންގެވުމުގެ މަތިން 2017 ވަނަ އަހަރު އުފެއްދެވި "ޒީރޯ ވޭސްޓް ފައުންޑޭޝަން" އާ ބެހޭ މައުލޫމާތު، އެކަމަނާ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާ ހިއްސާކުރައްވާފައެވެ. އަދި "ޒީރޯ ވޭސްޓް" ހަރަކާތް ކުރިއެރުވުމަށްޓަކައި ދެ ގައުމު ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގައި ގައުމީ ފެންވަރުގައި "ޒީރޯ ވޭސްޓް" ހަރަކާތް ކުރިއެރުވުމަށް އިސްނެންގެވުމަށް އެމިނޭ އުރުދުޣާން ވަނީ މެޑަމް ސާޖިދާއަށް ހިތްވަރުދެއްވާފައެވެ. އަދި މިފަދަ ކަމެއް ތަންފީޒުކުރުމުގައި ކަމާބެހޭ މިނިސްޓްރީތަކުގެ ދައުރު ބޮޑުކަމުން، ސަރުކާރުގެ އިދާރާތަކާ ގުޅިގެން މި މަސައްކަތް ކުރިއަށް ގެންދިއުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، ތިމާވެށި ހިމާޔަތްކުރުމަށާއި ކުނި މަދުކުރުމަށް ކުރެވޭ އެކި މަސައްކަތްތަކުގައި އަންހެނުންނާއި ކުޑަކުދިންގެ ބައިވެރިވުން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ތުރުކީގެ ފަސްޓް ލޭޑީ ވަނީ އަލިއަޅުއްވާލައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން މިހާރު މަނާކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. ދެ ބޭފުޅުންގެ މި ބައްދަލުވުން ނިންމަވާލެއްވީ ތިމާވެށި ރައްކާތެރިކުރުމަށް ގުޅިގެން މަސައްކަތްކުރުމުގެ އަޒުމު އާކުރައްވަމުންނެވެ.
