އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޑެންމާކުން ކުޅުނު ފުރަތަމަ މެޗުގައި ދަނޑުމައްޗަށް ހިތްހުއްޓިގެން ވެއްޓުނު އެ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންގެ ފުރާނަ ސަލާމަތްކުރަން ޑެންމާކުގެ ކެޕްޓަން ސިމޯން ކިއޭ އާއި މެޑިކަލް ޓީމުން ކުރި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ޔުއެފާގެ ރައީސް އަލެކްސެންޑަ ޗެފެރިން ވަނީ ހާއްސަ އެވޯޑެއް ދޭން ނިންމާފައެވެ.

އެރިކްސަން ދަނޑުމައްޗަށް ވެއްޓުމާއެކު ޑެންމާކްގެ ކުޅުންތެރިން ތިބީ ވަށައިގެން ސަފެއްގައި އެތުރިގެން އޭނާ އަށް ފަރުވާދެމުންދާ ހިތްދަތި މަންޒަރު ބެލުންތެރިންނަށް ނުފެންނާނެގޮތަށް ހުއްޓިގެންނެވެ. އެވަގުތު ކޮޅުގެ ތެރޭގައި އެންމެ ފުރަތަމަ އެރިކްސަން އަށް ފަރުވާ ދިނުމުގައި އެހީތެރިވީ އޭނާގެ ގާތް އެކުވެރިޔާ، ކިއޭ އެވެ.

އެގޮތުން، އެރިކްސަން އަށް އަވަހަށް ސީޕީއާރް ދިނުމުގެ ކަންކަން ކިއޭ ފެށިއިރު އެރިކްސަންގެ ނޭވާ ނުހުއްޓޭގޮތަށް އަނގަ ބަންދުވިޔަ ނުދީ މެޑިކަލް ޓީމުން ދަނޑުމަތީގައި ފަރުވާ ދިނުމަށް އައުމާ ހަމައަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.

އޭގެފަހުން، އިތުރު ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންގޮސް ޓެސްޓުތައް ހެދުމަށްފަހު ގެއަށް ދޫކޮށްލުމުން އެރިކްސަން ވެސް ވަނީ ޑެންމާކްގެ މެޑިކަލް ޓީމާއި ކުޅުންތެރިންނަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

އެހެންކަމުން، މި ހުރިހާ ސަބަބުތަކާ ހުރެ މި ފަހަރުގެ ޔުއެފާ ޕްރެޒިޑެންޓްސް އެވޯޑް ދޭން ނިންމާފައިވަނީ ޑެންމާކްގެ ކެޕްޓަން ކިއޭ އާއި މެޑިކަލް ޓީމަށް ކަމަށް ޗެފެރިން ވަނީ ވިދާޅުވެފައެވެ. ޔުއެފާގެ ރައީސްގެ މި އެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ގުރުއަތުނެގުމަށް ބާއްވާ ހާއްސަ ހަފްލާގައެވެ.