ދެމަފިރިންގެ މެދުގައި ޖެހޭ ކުދިކުދި މައްސަލަތައް އާންމުކޮށް ދެއްކުމަކީ ޝައިތާނާގެ މަޅިއެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވެއްޖެއެވެ. އޭނާ ދެއްވި ދަރުސެއްގައި ފާހަގަކުރެއްވި ގޮތުގައި، ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ހައްލުކުރުމަށް ވުރެ ބޮޑު ދަރުމައެއް ލިބޭ އެހެން އެއްވެސް ކަމެއް އިސްލާމްދީނުގައި ނުވެއެވެ.
މުފްތީ މެންކް ވިދާޅުވި ގޮތުގައި، ދެމަފިރިންގެ މެދުގައި ޖެހޭ ކުދިކުދި މައްސަލަތައް ދުނިޔެއަށް ހާމަކޮށް އިއުލާން ކުރުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. އެއީ މީސްތަކުންގެ ވާހަކަތަކާއި ޝައިތާނާގެ ވަސްވާސްތަކުގެ ސަބަބުން އެ މައްސަލަ އިތުރަށް ބޮޑުވެ، ގުޅުން ކެނޑިގެންދާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޝައިތާނާ ބޭނުންވަނީ ދެމަފިރިންގެ ގުޅުން ކަނޑާލައި، އާއިލާތައް ރޫޅާލައި، މުޅި އުންމަތް ބަލިކަށިކޮށްލަން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި މައްސަލައަށް އަލިއަޅުއްވާލައްވަމުން މުފްތީ މެންކް ވަނީ އަގުބޮޑު ރޯލްސް ރޮއިސް ކާރެއްގެ މިސާލު ދައްކަވާފައެވެ. އެފަދަ އަގުބޮޑު ކާރަކަށް މައްސަލައެއް ޖެހުމުން އެކަން މީހުންނަށް ނުފެންނާނެހެން ފޮރުވައިގެން މަރާމާތު ކުރާ ފަދައިން، އެއަށް ވުރެ މާ އަގުބޮޑު ޒަވާޖީ ހަޔާތަށް ޖެހޭ މައްސަލަތައްވެސް ސިއްރުކޮށްގެން ހައްލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ތިބާގެ އަތުގައި ރޯލްސް ރޮއިސް ކާރަކަށް ވުރެ މާ އަގުބޮޑު އެއްޗެއް އެބައޮތް. ދެން ކީއްވެތޯ ތިބާގެ ޒާތީ ކަންކަން އާންމުންގެ ކުރިމަތީގައި ހާމަކުރަންވީ؟" މުފްތީ މެންކް ސުވާލު އުފެއްދެވިއެވެ.
އެހެންކަމުން، ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ލަސްނުކޮށް، އެ ދުވަހަކު ޖެހޭ މައްސަލައެއް އެ ދުވަހަކު އިހުލާސްތެރިކަމާ އެކު ވާހަކަދައްކައިގެން ހައްލުކުރުމަށް މުފްތީ މެންކް ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ. އަދި އެކަކު އަނެކަކަށް އިހުތިރާމްކޮށް، ދޫ ރައްކާތެރިކުރުމަކީ ސުވަރުގެ ލިބުމަށް އޮތް މަގެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
