ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ތަރި ކިލިއަން އެމްބާޕޭ ގަތުމަށް ސްޕެއިނުގެ ގަދަބާރު ރެއާލް މެޑްރިޑުން ބިޑްކޮށްފިއެވެ.

އެންމެ ފަހުގެ މީޑިއާ ހަބަރުތައް ބުނާގޮތުން، އެމްބާޕޭގެ ސޮއި ހޯދުމަށް ރެއާލުން ވަނީ 188 މިލިއަން ޑޮލަރު (160 މިލިއަން ޔުރޯ)ގެ ބިޑެއް ޕީއެސްޖީ އަށް ހުށަހަޅާފައެވެ.

އެކަމަކު، މިހާތަނަށްއައިއިރު ރެއާލްގެ އިތުރުން ޕީއެސްޖީން ވެސް މިކަން ކަށަވަރުކޮށްދީފައެއްނުވެއެވެ. އެހެންނަމަވެސް، މީގެކުރީން ޕީއެސްޖީން އެމްބާޕޭގެ ކޮންޓްރެކްޓް އައު ކުރުމަށް މަސައްކަތްކުރި ތިން ފަހަރުވެސް އަލިމަގެއް ލިބިފައިނުވާއިރު، މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އޭނާ ވިއްކާނުލައިފިނަމަ ކުރިއަށް އޮތް އަހަރުގެ ޖޫން މަހުގައި އެއްބަސްވުން ހަމަވުމުން ހިލޭ ޓްރާންސްފާގައި އެ ޓީމު ދޫކޮށްލުމުގެ ފުރުޞަތު ވަރަށް ބޮޑެވެ.

އެހެންކަމުން، މި ފަހަރުގެ ޓްރާންސްފާ ބާޒާރު މި އޮގަސްޓް މަހުގެ 31 ގެ ނިޔަލަށް ހަމަވުމުގެ ކުރީން ޕީއެސްޖީން އެމްބާޕޭ ވިއްކާލުން ނޫން ގޮތެއް ނެތެވެ.

2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފްރާންސުން ކާމިޔާބުކުރިއިރު އެ ޓީމުގައި މުހިއްމު ދައުރެއް އަދާކުރި އެމްބާޕޭ، ޕީއެސްޖީއާ ގުޅުނީ މޮނާކޯ އިންނެވެ. 2017 ވަނަ އަހަރުގެ ސީޒަނަށް ލޯން އެއްބަސްވުމެއްގެ ދަށުން ގުޅުނުއިރު، އޭގެ އެއް އަހަރު ފަހުން އެއްބަސްވުން ދާއިމީކުރީ 226 މިލިއަން ޑޮލަރު (180 މިލިއަން ޔޫރޯ) ގެ ޓްރާންސްފާ ފީ އަކަށެވެ.

މިހާރު އުމުރުން 22 އަހަރުގެ އެމްބާޕޭ ވަނީ ޕީއެސްޖީ އަށް ކުޅެދިން 174 މެޗުގައި 133 ގޯލްޖަހައި، އިތުރު 63 ލަނޑުޖެހުމަށް އެހީތެރިވެދީފައެވެ. އަދި ފްރާންސްގެ ގައުމީ ޓީމަށް ކުޅުނު 48 މެޗުގައި 17 ލަނޑުޖަހާފައިވެއެވެ. މީގެއިތުރުން، ޕީއެސްޖީއާއެކު މިހާތަނަށް ހޭދަކުރީ ހަތަރު ސީޒަނުގައި 11 މުބާރާތް ކާމިޔާބުކޮށްފައިވެއެވެ.