ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމާއި ރައްޔިތުން އިސްކޮށް، ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ ފުދުންތެރިކަމުގެ ފަތިހަކަށް މަރުހަބާ ކިޔާން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހުރަވީ ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވައި ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސްގެ ޕޯސްޓުގައި ވިދާޅުވީ، ހުރަވީ ދުވަހުގެ ހާދިސާއަށް ގާތްގަނޑަކަށް ތިން ގަރުނު ފުރެން ކައިރިވަމުން އަންނައިރު، މިއަދު ދުނިޔޭގެ ކަންކަން ހިނގާ ގޮތާއި މިނިވަންކަން ދިފާއުކުރަން ޖެހޭ ގޮތާ މެދު ފުންކޮށް ވިސްނުން ވަރަށް މުހިންމު ކަމަށެވެ. އަދި ތާރީހުގެ ލޯގަނޑުން ދައްކާ މަންޒަރުން ފިލާވަޅު ލިބިގަނެ، މުސްތަގުބަލުގެ މޫނު އުޖާލާކުރަން އެބަޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ވެރިކަމުގެ ދަހިވެތިކަމާއި ހަސަދަވެރިކަމުގެ ކުރިޔަށް ގައުމީ ސަލާމަތާއި، ފުދުންތެރިކަމާއި، ދިވެހި ކޮންމެ ފަރުދެއްގެ އުފާވެރިކަމަށް ތަންދޭން އެބަ ޖެހޭ. ދަރަނީގެ އަޅުވެތިކަމުގައި ފަނާވާން ނުތިބެ ފުދުންތެރިކަމުގެ ފާގަތި ފަތިހަކަށް މަރުހަބާ ކިޔާން އެބަ ޖެހޭ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން، ސިޔާސީ ޖަޒުބާތުތަކުގެ ކުރިޔަށް ގައުމީ އިހުލާސްތެރިކަން ނެރެ، ޒާތީ އަރާރުންތަކުގެ ކުރިޔަށް ޖަމާއަތުގެ ބާއްޖަވެރިކަން އިސްކުރަން ޖެހޭ ކަމަށް ވެސް ރައީސް ފާހަގަކުރެއްވި އެވެ.
ކޮންމެ އަހަރެއްގެ ވެސް ހިޖުރީ ގޮތުން ޖުމާދަލްއާހިރާ މަހުގެ 3 ވަނަ ދުވަހު ފާހަގަކުރާ ހުރަވީ ދުވަހަކީ، ހޮޅިންގެ އަޅުވެތިކަމުން ދޮންބަންޑާރައިން ރާއްޖެ މިނިވަންކުރެއްވި ޒިކުރާ އާކުރުމަށް ފާހަގަކުރާ ދުވަހެކެވެ.
