އިންޑިއާގެ މަހާރާޝްތުރާ ސްޓޭޓްގެ ނާގްޕޫރުގައި ދިރިއުޅޭ އަކްޝޭ ހޯލޭ އާއި އޭނާގެ އަންހެނުން ދިވްޔާ ލޮހަކަރޭ ހޯލޭ، 400 އަކަފޫޓުގެ ކުޑަ ކޮޓަރިއެއްގެ ތެރޭގައި ކޭސަރު ނުވަތަ ސެފްރަން ހައްދައިގެން އަހަރަކު 53،000 އެމެރިކާ ޑޮލަރަށްވުރެ ގިނަ އާމްދަނީއެއް ހޯދަމުން އެބަދެއެވެ. އާންމު ގޮތެއްގައި ކަޝްމީރުގެ ފިނި މާހައުލުގައި ނޫނީ ނުހެދޭ މި އަގުބޮޑު ބާވަތް، ހޫނު ގަދަ ނާގްޕޫރުގެ ގޭތެރޭގައި މި ދެމަފިރިން ހައްދަނީ ވެއްޔާ ނުލައި، ގަހުގެ މޫތަކަށް ފެނާއި ކާނާ ފޮނުވައިދޭ ޒަމާނީ ނިޒާމެއް މެދުވެރިކޮށެވެ.
މި ވިޔަފާރި ފެށުމުގެ ކުރިން ބޭންކެއްގައި ވަޒީފާ އަދާކުރި ދިވްޔާ އާއި އަންނައުނުގެ ވިޔަފާރި ކުރި އަކްޝޭ، މި މަސައްކަތް ފެށީ 2018 ވަނަ އަހަރު އަގުބޮޑު އަދި އަވަހަށް ހަލާކުނުވާ ފަދަ ބާވަތެއް ގޭތެރޭގައި ހެއްދުމުގެ ވިސްނުމުގައެވެ. އެގޮތުން ކަޝްމީރުގައި ތިން މަސް ދުވަސް ހޭދަކޮށް އެތަނުގެ ދަނޑުވެރިންގެ ކިބައިން މިކަން ދަސްކުރުމަށްފަހު، 2020 ވަނަ އަހަރު ގޭގެ 80 އަކަފޫޓުގެ ކޮޓަރިއެއްގައި އޭސީ އާއި ފިނިކުރާ މެޝިން ބަހައްޓައިގެން ކުރި ފުރަތަމަ ތަޖުރިބާގައި 100 އޮށް އިންދައިގެން 80 އަށްވުރެ ގިނަ މާ ފޮޅުވައި ކާމިޔާބު ހޯދިއެވެ.
މި ކާމިޔާބީއާ ގުޅިގެން ވިޔަފާރި ފުޅާކުރުމަށް މި ދެމަފިރިން ވަނީ މެޝިނަރީ އާއި އަލިކުރާ ނިޒާމުތަކަށް ގާތްގަނޑަކަށް 58،300 އެމެރިކާ ޑޮލަރު ނުވަތަ 898،500 ދިވެހި ރުފިޔާ ހަރަދުކޮށްފައެވެ. ފާއިތުވި ފަސް އަހަރު ތެރޭގައި މި ވިޔަފާރިން ޖުމްލަ 137،800 ޑޮލަރު ނުވަތަ 2.12 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މިހާރު އަހަރަކު 42،400 އާއި 53،000 ޑޮލަރާ ދެމެދުގެ އަދަދެއް، އެއީ 653،500 އާއި 816،900 ދިވެހި ރުފިޔާއާ ދެމެދުގެ އާމްދަނީއެއް ދަނީ ލިބެމުންނެވެ.
މި ދެމަފިރިން ހައްދާ ކޭސަރުގެ ކިލޯއެއް ވިއްކަނީ ގާތްގަނޑަކަށް 6،680 ޑޮލަރު ނުވަތަ 103،000 ދިވެހި ރުފިޔާއަށެވެ. އޮގަސްޓް މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ކޭސަރު ކަނޑާ މޫސުން ކުރިއަށްދާއިރު، އަހަރުގެ ބާކީ ދުވަސްތަކުގައި ކުރަނީ އޮށްތައް އާލާކޮށް ބެލެހެއްޓުމުގެ މަސައްކަތެވެ.
މީގެ އިތުރުން، މި ދެމަފިރިން އަންނަނީ ޝައުގުވެރިވާ އެހެން މީހުންނަށް މި މަސައްކަތް ދަސްކޮށްދޭ ތަމްރީނު ޕްރޮގްރާމްތައް ވެސް ހިންގަމުންނެވެ. މިގޮތުން މިހާތަނަށް 150 އަށްވުރެ ގިނަ ދަނޑުވެރިން ތަމްރީނުކޮށްފައިވާއިރު، އެ ފަރާތްތަކުން ހައްދާ ކޭސަރު ގަނެ، ޕެކެޓްކޮށް ބާޒާރަށް ނެރުމުގެ މަސައްކަތް ވެސް މި ދެމަފިރިން އަންނަނީ ކުރަމުންނެވެ.
