ސްރީލަންކާގެ ދެހިވަލަ މައުންޓް ލެވެނިއާ އަވަށުގައި ހުންނަ ފެކްޓަރީއެއްގައި ކޮވިޑުގައި މަރުވާ މީހުން ވަޅުލުމަށް ސަންދޯކުގެ ގޮތުގައި ބޯކަރުދާހުން ހަދާފައިވާ ފޮށިތަކެއް ބޭނުން ކުރަން ފަށައިފިއެވެ.

މިއީ ލަކުޑި ސަންދޯކަށްވުރެ މާ ބޮޑަށްވެސް އަގުހެޔޮ ސަންދޯކެކެވެ. މި ސަންދޯއްތައް އެގައުމުގައި ކޮވިޑް ބަލީގައި މަރުވާ ބައެއް މީހުންނަށް ބޭނުންކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައްބުނެއެވެ. އެގައުމުގައި މި ހިޔާލާއެކު ބޯކަރުދާހުން ސަންދޯއް ޖަހަން ފަށާފައިވަނީ އެގައުމުން ކޮވިޑް ބަލީގައި މަރުވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

އެގޮތުން، މިދިޔަ ހުކުރު ދުވަހު އެގައުމުން 198 މީހަކު ކޮވިޑް ބަލީގައި މަރުވެ، އެގައުމުން މިހާތަނަށް މަރުވި މީހުންގެ ޖުމުލަ އަަދަދު ވަނީ 7،560 އަށް އަރާފައެވެ. ދާދި ފަހުން ލަންކާގެ ސިއްހީ އިދާރާއިން ހިއްސާކޮށްފައިވާ މައުލޫމާތައް ބަލާއިރު ކޮވިޑް ބަލިމަޑުކަން ހިމެނޭހެން އެކި ގޮތްގޮތުން އެގައުމުގައި ދުވާލެއްގެ މައްޗަށް މަރުވާ މީހުންގެ އަދަދު ވަނީ 400އަށް އަރާފައެވެ.

އެގައުމުގެ ސަރުކާރުން ބުނީ މި ގޮތަށް ސަންދޯއް ތައްޔާރުކުރަން ނިންމާފައިވަނީ ދުވާލެއްގެ މައްޗަށް 400 މީހުންނަށް ސަންދޯއް ޖެހުމަށް 250-300 ގަސް ކަނޑަން ޖެހޭނެ ކަމަށް ލަފާކޮށް ތިމާވެއްޓަށް ގެއްލުން ނުދީ ލުއިގޮތަކަށް ކަން ކުރުމަށް ކަމަށެވެ. އަދި ހަމަ އެއާއެކު ކޮވިޑް ހާލަތު ގޯސްވެފައިވާއިރު، ފިލައިން ހަދާފައިވާ ސަންދޯއްތައް ގަތުމަކީ ބައެއް މީހުންގެ މާލީ ހާލަތު ހުރި ގޮތުން އުނދަގޫ ކަމަކަށް ވެފައިވާތީ އެކަމަށް ވެސް ބަލާފައި ގޮތް ނިންމާފައިވާކަން ލަންކާގެ އޮފިޝަލުން ފާހަގަ ކޮށްފައިވެއެވެ.

ކާޑުބޯޑުން ތައްޔާރުކޮށްފައިވާ ސަންދޯކެއް ލަންކާގެ ބާޒާރުގައި 23 ޑޮލަރަށް ލިބޭއިރު، ފިލައިން ފަރުމާ ކޮށްފައިވާ އެންމެ އަގުހެޔޮ ސަންދޯކަކީ ވެސް 150 ޑޮލަރު ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި އައު ވިސްނުމާއި އެކު ދުނިޔޭގެ އެހެން ގައުމުތަކުންވެސް މި ވިސްނުމަށް ތަބާވާނެ ކަމަށް ދިރާސާވެރިން ދެކިލައްވައެވެ. އަދި މިއީ އެގައުމުގެ އިގްތިސާދަށްވެސް އޭގެން ނަފާތަކެއް ވާނޭ ކަމެއްކަމަށް އެގައުމެ އިގްތިސާދު ދިރާސާކުރާ ފަރާތްތަކުން ހާމަކުރެއެވެ.