ޔޫއޭއީގެ ބިލިއަނަރު މުހައްމަދު އަލަބާރުގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސް އިން، ދުނިޔޭގެ އެންމެ އުސް އިމާރާތް ހިމެނޭ ގޮތަށް ފަސް ބިލިއަން ޑޮލަރުގެ ބޮޑު ޕްރޮޖެކްޓެއް ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ހިންގުމަށް ތައްޔާރުވަމުން އަންނަ ކަން ހާމަކޮށްފިއެވެ. މި ޕްރޮޖެކްޓާ ގުޅޭ ވާހަކަތައް މިހާރު ނިމުމަކާ ގާތްވެފައިވާ އިރު، ކުރިއަށް އޮތް އެއް ހަފުތާ ނުވަތަ ދެ ހަފުތާގެ ތެރޭގައި އިންވެސްޓްމަންޓް އެއްބަސްވުމާ ގުޅޭ އިތުރު ތަފްސީލުތައް ސާފުވާނެ ކަމަށް އަލަބާރު ވަނީ ބުނެފައެވެ.

ބެންކޮކުގެ 20 އާއި 30 ރައިއާ ދެމެދުގެ ބިމެއްގައި ތަރައްގީކުރާ މި ޕްރޮޖެކްޓުގައި މީހުން ދިރިއުޅޭ އެޕާޓްމަންޓްތަކާއި، ވިޔަފާރި ކުރާނެ ފިހާރަތަކާއި، އޮފީސް އިމާރާތްތަކުގެ އިތުރުން ޒަމާނީ ހޮޓާތައް ވެސް ހިމެނޭނެއެވެ. ގާތްގަނޑަކަށް 160 އާއި 170 ބިލިއަން ތައި ބާތުގެ އަގުހުރި މި ބިޔަ މަސައްކަތް ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މުހައްމަދު އަލަބާރަކީ ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ދުބާއީގެ ބުރުޖު ހަލީފާ ތަރައްގީކުރި އެމާރު ޕްރޮޕަޓީސްގެ ބާނީއެވެ. އޭނާ 2014 ވަނަ އަހަރު އަބޫދާބީގައި އުފެއްދި އީގަލް ހިލްސް އިން ބެންކޮކުގައި މި ޕްރޮޖެކްޓް ހިންގާނީ ތައިލެންޑުގެ ގާނޫނުތަކާ އެއްގޮތަށް ދިގު މުއްދަތަކަށް ކުއްޔަށް ނަގާ ބިމެއްގައި، އެ ގައުމުގެ ވިޔަފާރިވެރިންނާ ގުޅިގެންނެވެ. އަދި މި އިމާރާތުގެ ޑިޒައިން ތައްޔާރުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާނީ ތައިލެންޑުގެ އާކިޓެކްޓުން ކަމަށް ވެސް އޭނާ ބުންޏެވެ.

ދަ ސްޓޭންޑާޑް ވެލްތަށް ދިން ހާއްސަ އިންޓަވިއުއެއްގައި އަލަބާރު ބުނި ގޮތުގައި ބެންކޮކަކީ އޭޝިއާގެ ދިރިހުރި ހިތެވެ. އަދި ބެންކޮކުގެ ޓޫރިޒަމްގެ ދާއިރާ އޮތީ ވަރަށް ވަރުގަދަކޮށް ކަމަށާއި، މިފަދަ އުސް އިމާރާތްތައް ބިނާކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ 10 އަހަރާއި 15 އަހަރާ ދެމެދުގެ ދުރު ރާސްތާ ވިސްނުމެއްގައި ކަމަށް އޭނާ ބުންޏެވެ.

ދުނިޔޭގެ އެންމެ އުސް އިމާރާތުގެ ރެކޯޑު މި ޓަވަރަށް ނުލިބުނު ނަމަވެސް، ފަސް ބިލިއަން ޑޮލަރުގެ މި ޕްރޮޖެކްޓް ކުރިއަށް ގެންދާނެ ކަން އަލަބާރު ވަނީ ކަށަވަރުކޮށްދީފައެވެ. މީގެ އިތުރުން، ބެންކޮކުގެ ކްލޮންގް ޓޮއޭ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތަށާއި ތައިލެންޑުގެ އައްސޭރިފަށުގެ ސަރަހައްދުތަކުގައި ބޮޑެތި ރިޒޯޓުތައް ތަރައްގީކުރުމަށް ވެސް އީގަލް ހިލްސް އިން އަމާޒު ހިފާފައިވާ ކަން އޭނާ ހާމަކުރިއެވެ.