ދިވެހިންގެ ކިބައިން ނެތެމުންދާ ރީތި އާދަތައް ކަމުގައިވާ އެކަކު އަނެކަކަށް ގަދަރާއި އިހުތިރާމްކުރުމުގެ ރޫހު އަލުން އަށަގެންނެވުމަށް ސަރުކާރުން ފެށްޓި "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫ" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފި އެވެ.

މި މަޝްރޫ ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އެކަމަށްޓަކައި މާފަންނު ދުވާ ޓްރެކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ހާއްސަ ރަސްމިއްޔާތުގައި، މި މަޝްރޫއަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ލޯގޯއާއި ލަވަ ވެސް ވަނީ ރަސްމީކޮށް އިފްތިތާހުކޮށްފަ އެވެ.

ދިވެހިންގެ އައިޑެންޓިޓީ ހިފެހެއްޓުމަށާއި އިޖުތިމާއީ ފޭރާން ހެޔޮކުރުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ފެށި މި މަޝްރޫއަކީ 5 އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫ ހިންގަން ފަށާފައިވަނީ ޖަމިއްޔާ ޖަމާއަތްތަކާއި ގިނަ ފަރާތްތަކަކާ މަޝްވަރާކުރުމަށްފަހު ކެބިނެޓުން ފާސްކޮށްގެންނެވެ.

ހާއްސަކޮށް ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި އިހުތިރާމްކުރުމުގެ އާދަ ހަރުދަނާކޮށް، މުޖުތަމައުގެ ގުޅުންތައް ބަދަހިކުރުމަކީ މި ގައުމީ މަޝްރޫގެ އެންމެ ބޮޑު އެއް އަމާޒެވެ.