ބޮލީވުޑްގެ މަޝްހޫރު ތަރިއަކަށް ދޭން އުޅުނު ނުރައްކާތެރި ބަޑީގެ ހަމަލާއެއް އިންޑިއާގެ ދިއްލީ ފުލުހުންގެ ސްޕެޝަލް ސެލްއިން ނާކާމިޔާބުކޮށްލައި، އެކަމުގައި ޝާމިލުވާ ދެ މީހަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކުރި މީހުންނަކީ ޕަންޖާބަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ ވިކާސް އާއި، ދީޕަކް ސިންގް އެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވިކާސް ދިއްލީން ހައްޔަރުކުރިއިރު، ދީޕަކް ހައްޔަރުކޮށްފައިވަނީ މުމްބާއީގައި ފިލައިގެން އުޅެނިކޮށެވެ. ތަހުގީގުން އެނގިފައިވާ ގޮތުގައި މި ދެ މީހުން ރާވަމުންދިޔައީ މުމްބާއީގައި ދިރިއުޅޭ ބޮލީވުޑްގެ މަޝްހޫރު ތަރިއެއްގެ ގެކައިރިއަށް ބަޑިޖަހައި ހަމަލާދިނުމަށާއި، ދިއްލީގެ ވިޔަފާރިވެރިއަކަށް ބިރުދައްކައި ފައިސާ ހޯދުމުގެ ގޮތުން ހަމަލާއެއް ދިނުމަށެވެ.

މި ހަމަލާ ރާވާފައިވަނީ ބޭރު ގައުމެއްގައި ފިލައިގެން އުޅޭ ގޭންގްސްޓަރެއްގެ އިރުޝާދުގެ ދަށުން ކަމަށް އިންޑިއާ ފުލުހުން މައުލޫމާތު ދެއެވެ. އަދި ބޮލީވުޑް ތަރިއަށް ހަމަލާދޭން ރޭވީ 1984 ވަނަ އަހަރު ހިނގި ހަމަނުޖެހުންތަކާ ގުޅޭގޮތުން އެ ތަރި ދެއްކި ކަމަށް ބުނާ ވާހަކަތަކެއްގެ ބަދަލު ހިފުމުގެ ގޮތުން ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ.

މި މައްސަލައިގައި ހައްޔަރުކުރި ދީޕަކް ސިންގަކީ މިދިޔަ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު ޕަންޖާބުގެ އަމްރިތުސަރުގައި ސޯޝަލް މީޑިއާ އިންފްލުއެންސަރެއް ކަމަށްވާ މޭޑް ސަންދޫ ބަޑިޖަހައި މަރާލި މައްސަލައިގައި ވެސް ފުލުހުން ހޯދަމުންދިޔަ މީހެކެވެ. އެ ހާދިސާއަށްފަހު އޭނާ މުމްބާއީއަށް ގޮސް ފިލައިގެން އުޅުނީ ބޮލީވުޑް ތަރިއަށް ދޭން އުޅުނު ހަމަލާ ތަންފީޒުކުރުމަށް ކަމަށް ފުލުހުން ބުންޏެވެ.

މި ދެ މީހުންނަކީ އަންމޯލް ބިޝްނޯއީއާއި އަނިލް ޕަންޑިތު ފަދަ ނުރައްކާތެރި ގޭންގްސްޓަރުންނަށް ހަތިޔާރު ފޯރުކޮށްދީ، ކުށުގެ ވެށީގައި ހަރަކާތްތެރިވަމުން އަންނަ ބައެއް ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ދިއްލީ ފުލުހުންގެ ސްޕެޝަލް ސެލްއިން މިހާރު ވަނީ މި މައްސަލައިގައި އާމްސް އެކްޓުގެ ދަށުން މައްސަލައެއް ރަޖިސްޓްރީކޮށް، މި ރޭވުމުގެ ފަހަތުގައި ތިބި އިތުރު މީހުން ހޯދުމުގެ ތަހުގީގު ފަށާފައެވެ.