ތަވަލުގެ ހޫނުމިން ބެލުމަށްޓަކައި ހޫނު ތަވައަށް ފެން ބުރުއްސާލުމަކީ ބަދިގޭގައި ވަރަށް އާންމުކޮށް ކުރެވޭ ކަމެއް ނަމަވެސް، ނޮން-ސްޓިކް ތަވާ ބޭނުންކުރާނަމަ މި އާދައިގެ ސަބަބުން ތަވާ ހަލާކުވެ، ވިހަ ދުން ބޭރުވުމުގެ ނުރައްކާ އޮތް ކަމަށް ކެއްކުމާއި ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވަނީ އިންޒާރުދީފައެވެ. . ހުސްކޮށް ހުންނަ ނޮން-ސްޓިކް ތަވައެއް މާ ބޮޑަށް ހޫނުކުރުމަށްފަހު އޭގެ މައްޗަށް ފެން ބުރުއްސާލުމުން، ތަވާގެ ހޫނުމިނަށް ކުއްލި ބަދަލެއް އައިސް ތަވާގައި ލާފައި ހުންނަ ހާއްސަ ފަށަލަ ހަލާކުވާން މެދުވެރިވެއެވެ.
އާންމުކޮށް ދޮންކޮށްފައި ހުންނަ ތަވައަކަށް ފެންފޮދެއް ޖަހާލަނީ ތޮށިގަނޑު އެޅުމަށް ތަވާ ހޫނުވެފައި ހުރި މިންވަރު ދެނެގަތުމަށާއި، މާ ބޮޑަށް ހޫނުވެފައިވާނަމަ ތަވާ ކުޑަކޮށް ފިނިކޮށްލުމުގެ ބޭނުމުގައެވެ. ނަމަވެސް، ތަޖުރިބާކާރުން ބުނާ ގޮތުގައި ހޫނުވެފައި ހުންނަ ތަވައަކަށް ފެން އެޅުމުން ކުއްލިއަކަށް އާވި އަރައި، ހޫނު ފެންތިކިތައް އަތަށާއި މޫނަށް ބުރައިގެންގޮސް ފިހުމުގެ ފުރުސަތު ބޮޑެވެ. މީގެ އިތުރުން، ތަވާގައި ތެޔޮ ހުރިނަމަ ފެން އެޅުމާއެކު ތެޔޮތައް ބުރައިގެން ދިއުމުގެ ނުރައްކާވެސް އޮވެއެވެ.
ނޮން-ސްޓިކް ތަވާތައް އުފައްދާފައި ހުންނަނީ ޕޮލިޓެޓްރާފްލޫރޯއެތިލީން (ޕީޓީއެފްއީ) ނަމަކަށް ކިޔާ މާއްދާއެއްގެ ފަށަލައެއް ލައިގެންނެވެ. ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި ހުސް ތަވައެއް އުނދުން މަތީގައި ބަހައްޓައިގެން 260 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ހޫނުވެއްޖެނަމަ، މި ފަށަލަ ހަލާކުވެ ވައިގެ ތެރެއަށް ވިހަ ދުން ބޭރުވާން ފަށައެވެ. އަދި މިހާ ބޮޑަށް ހޫނުވެފައި ހުންނަ ތަވައަކަށް ފިނި ފެން ބުރުއްސާލުމުން ތަވާގެ މައުދަނަށް ކުއްލި ލޮޅުމެއް އައިސް، ތަވާ ގުދުވެ، ނޮން-ސްޓިކް ފަށަލައިގައި ރެނދުލައި ނެއްޓެން މެދުވެރިވެއެވެ.
މިގޮތަށް ހަލާކުވެފައި ހުންނަ ތަވާތަކުގައި ކެއްކުމުން، ކާތަކެތީގެ ތެރެއަށް ޕްލާސްޓިކްގެ ކުދިކުދި އެތިކޮޅުތަކާއި ވިހަ މާއްދާތައް އެކުލެވުމުގެ ފުރުސަތު އޮންނަ ކަމަށް ސިއްހީ މާހިރުން ބުނެއެވެ. އަދި އޯވަހީޓް ވުމުގެ ސަބަބުން ބޭރުވާ ވިހަ ދުމުގެ އަސަރު ހަށިގަނޑަށް ކުރުމުން، ހުން އައުމާއި، ގައިގައި ރިއްސުމާއި، ބޮލުގައި ރިއްސުން ފަދަ ރޯގާގެ އަލާމާތްތައް ފެންނަ 'ޕޮލިމާ ފިއުމް ފީވާ' ނުވަތަ 'ޓެފްލޯން ފްލޫ' ޖެހުމަށް މަގުފަހިވެއެވެ.
އެހެންކަމުން، ނޮން-ސްޓިކް ތަވާ ބޭނުންކުރާއިރު ހުސްކޮށް ބަހައްޓައިގެން މާ ބޮޑަށް ހޫނު ނުކުރުމަށާއި، ތަވާގެ ހޫނުމިން ބެލުމަށް ފެން ބުރުއްސުމުގެ ބަދަލުގައި މަޑު ގިނީގައި ތަވާ ހޫނުކުރުމަށް ތަޖުރިބާކާރުން އިރުޝާދު ދެއެވެ. އަދި ކައްކާ ނިމުމާއެކު ހޫނުކޮށް ހުއްޓާ ތަވާ ދޮވުމުގެ ބަދަލުގައި، ތަވާ ރަނގަޅަށް ހިހޫވަންދެން ބެހެއްޓުމަށްފަހު މަޑު ސްޕޮންޖަކުން ދޮވުމަކީ ތަވާ ގިނަ ދުވަހު ރައްކާތެރިކަމާއެކު ބޭނުންކުރެވޭނެ ގޮތެކެވެ.
ރެފަރެންސް
ސިންގަޕޫރު ފުޑް އެޖެންސީ. (2023). ސޭފް ޕްރެކްޓިސަސް ފޯ ނޮން-ސްޓިކް ޕޭންސް. ސިންގަޕޫރު ފުޑް އެޖެންސީ.
