މާ ބޮޑަށް ފިކުރުކުރުމާއި ސިކުނޑީގެ ނުތަނަވަސްކަމުން ސަލާމަތްވެ، ހިތަށް ހަމަޖެހުން ހޯދުމަށް އިސްލާމްދީނުގައި ދައްކަވާފައިވާ ފަސް އަސާސަކީ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމާއި، ޝުކުރުވެރިވުމާއި، ﷲ އަށް ތަވައްކުލު ކުރުމާއި، މިންވަރަށް އީމާންވުމުގެ އިތުރުން ދުއާކުރުން ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވެއްޖެއެވެ. އޭނާ ދެއްވާފައިވާ ދަރުސްއެއްގައި ވިދާޅުވި ގޮތުގައި، މާ ބޮޑަށް ވިސްނުމަކީ ނިދި ގެއްލި، ނަމާދަށް ދެވޭ ސަމާލުކަން ކުޑަވެ، މީހާ ނަފްސާނީ ގޮތުން ވަރުބަލިކޮށްލާ ކަމެކެވެ.
މި ކަމުން އަރައިގަތުމަށް އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ވަގުތު ބެހިފައިވާ ތިން ބައި ދެނެގަނެ، ހަމައެކަނި މިހާރުގެ ވަގުތަށް ސަމާލުކަން ދިނުން ކަމަށް މުފްތީ މެންކް ވިދާޅުވިއެވެ. އެގޮތުން ފާއިތުވެ ގޮސްފައިވާ މާޒީއަކީ ބަދަލުކުރެވޭނެ އެއްޗަކަށް ނުވާއިރު، ކުރިއަށް އޮތް މުސްތަގުބަލަކީ އިންސާނާގެ ބާރުގެ ދަށުގައިވާ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ދެވަނަ ހައްލެއްގެ ގޮތުގައި ވިދާޅުވެފައިވަނީ ލިބިފައިވާ ނިއުމަތްތަކަށް ޝުކުރުވެރިވުމެވެ. ސޯޝަލް މީޑިއާގައި އެހެން މީހުންގެ ދިރިއުޅުމާ އަމިއްލަ ހާލަތު އަޅާކިޔުމުގެ ބަދަލުގައި، އަމިއްލަ ގޭގައި އަމާންކަމާއެކު ހުރެ، ސިއްހަތު ސަލާމަތުން ހުރުމަކީ މުޅި ދުނިޔެ ލިބުން ފަދަ ބޮޑު ނިއުމަތެއްކަން ހަނދާންކޮށް "އަލްހަމްދުލިﷲ" ކިޔުމުން ހިތުގެ ނުތަނަވަސްކަން ފިލައިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ތިންވަނަ އަދި ހަތަރުވަނަ އަސާސްގެ ގޮތުގައި މުފްތީ މެންކް ފާހަގަކުރެއްވީ ﷲ އަށް ފުރިހަމައަށް ވަކީލުކޮށް ތަވައްކުލު ކުރުމާއި، ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވުމެވެ. އިންސާނާ ކުރަންޖެހޭ މަސައްކަތް ކުރުމަށްފަހު، ނަތީޖާ ﷲ އާ ހަވާލުކުރުމުން ނޭނގޭ ކަންކަމާ މެދު އޮންނަ ބިރުވެރިކަން ނެތިގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިންސާނާއަށް ލިބެން ހުރި އެއްޗެއް ނުލިބި ނުދާނެކަމާއި، ލިބެން ނެތް އެއްޗެއް ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް ނުލިބޭނެކަން ގަބޫލުކުރުމަކީ ސިކުނޑީގެ ހަމަޖެހުން ގެނެސްދޭ ކަމެއް ކަމަށް މުފްތީ މެންކް ވިދާޅުވިއެވެ.
"މާޒީގައި ހިނގާފައިވާ ކަންކަމާ މެދު 'އަހަރެން މިހެން ހެދި ނަމައޭ' ކިޔައި ހިތާމަކުރުމަކީ ޝައިތާނާގެ މަސައްކަތަށް ދޮރު ހުޅުވައިދޭ ކަމެއް ކަމަށް ރަސޫލާ ﷺ ވަނީ ހަދީޘްކުރައްވާފައި. އޭގެ ބަދަލުގައި 'ﷲ މިންވަރުކުރެއްވި ގޮތް، އަދި އެކަލާނގެ އިރާދަކުރެއްވި ކަމެއް ކުރައްވާނެ' ކަމަށް ބުނެ ހިތް ހަމަޖައްސާލުމުން ފިކުރުތަކުން ސަލާމަތްވެވޭނެ،" މުފްތީ މެންކް ވިދާޅުވިއެވެ.
ފަސްވަނަ ހައްލެއްގެ ގޮތުގައި އޭނާ ވިދާޅުވެފައިވަނީ ކަންކަމާ މެދު މާ ބޮޑަށް ވިސްނައި ސިކުނޑި ހާސްކުރުމުގެ ބަދަލުގައި ﷲ ގެ ހަޒުރަތަށް ދުއާކޮށް، އެކަލާނގެއާ ގުޅުން ބަދަހިކުރުމެވެ. އަނދިރި ހޮހަޅައެއްގެ ތެރެއިން ތަޖުރިބާކާރު ގައިޑަކާއެކު ދަތުރުކުރާ މީހަކު އެ ގައިޑަށް އިތުބާރުކުރާ ފަދައިން، ދުނިޔޭގެ ދަތުރުގައި ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ﷲ ގެ އެންގެވުންތަކަށް ތަބާވެ، ދުއާކުރުމުގައި ވަގުތު ހޭދަކުރުމަކީ ހިތަށް ލިބޭ އެންމެ ބޮޑު ޝިފާ ކަމަށް މުފްތީ މެންކް ވަނީ ނަސޭހަތްތެރިވެފައެވެ.
ރެފަރެންސް:
މުފްތީމެންކުގެ ދަރުހަކުން
