މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ 16 އަތޮޅަކަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން މިއަދު ހެނދުނު 10:30 އިން ހަވީރު 4:30 އާ ހަމައަށް މި ވައިޓް އެލާޓް ނެރެފައިވަނީ މާލެއަށް ވެސް ބޯކޮށް ވާރޭވެހި، ބައެއް މަގުތަކުގައި ފެންބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އެ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވެ، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ. 

މި ވިއްސާރައިގައި ކަނޑުގެ ރާޅުގެ އުސްމިނުގައި 3 ފޫޓާއި 6 ފޫޓު ހުންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން، އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އާ ހަމައަށް ކ. ދިއްފުއްޓަށް ރިކޯޑު މިންވަރަކަށް ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން ބުންޏެވެ. 

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި ދިއްފުއްޓަށް 44 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، އއ. ތޮއްޑޫއަށް 33.2 މިލިމީޓަރު އަދި ބ. ދަރަވަންދޫ އެއާޕޯޓަށް 30.6 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. ހުޅަނގު މޫސުމުގެ ވިއްސާރައިގެ ބާރު ގަދަވެފައިވާތީ، ހުރިހާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާގުޅުން ހުރި އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.