ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ސައިންސްވެރިން ވަނީ އަލްޒައިމަރސް ބައްޔާބެހޭ އާ އަދި މުހިންމު ހޯދުންތަކެއް ހޯދާފައެވެ. މި ހޯދުންތަކުން ދައްކާގޮތުގައި، ހަނދާން ނެތުމުގެ މައްސަލަތައް ފެށުމުގެ މާކުރިން، ގާތްގަނޑަކަށް ދިހަ އަހަރު ކުރިން ސިކުނޑީގައި ބަދަލުތަކެއް އަންނަން ފަށައެވެ.

މި ހޯދުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، ހަނދާނާއި އިޙްސާސްތަކާ ގުޅުންހުރި ސިކުނޑީގެ ދެ ސަރަޙައްދެއް ކުޑަވަމުންދެއެވެ. ޚާއްޞަކޮށް، ޑޮކްޓަރުން އާންމުކޮށް އަލްޒައިމަރސް ބައްޔަށް ބެލުމަށް ބޭނުންކުރާ ހިޕޯކެމްޕަސް ބަޔަށްވުރެ މާކުރިން މި ދެ ސަރަޙައްދަށް ބަދަލުތައް އާދެއެވެ.

ސިކުނޑިއަށް މިފަދަ އަޑިގުޑަންތައް ކުރިމަތިވަނީ ސިކުނޑީގައި ޓޯ ޕްރޮޓީން ނުވަތަ މާއްދާ އިތުރުވެ، އެއްވެ ޖަމާވުމުގެ ސަބަބުންނެވެ. މި ބަދަލުތަކުގެ ސަބަބުން ބަލީގެ ނުރައްކާތެރިކަން ކުރިއާލައި ދެނެގަނެ، އެކަމަށް ފަރުވާ ހޯދުމުގެ ފުރުޞަތު ބޮޑުވެގެންދާނެ ކަމަށް ކަމާބެހޭ މާހިރުން ވިދާޅުވެއެވެ.

މި ހޯދުމަކީ އަލްޒައިމަރސް ބައްޔަށް ފަރުވާކުރުމާއި، ބަލި ކުރިއަށްދާ މިންވަރު ދެނެގަތުމުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މުސްތަޤުބަލުގައި މި ކަމުގެ ސަބަބުން ބަލީގެ އަލާމާތްތައް ފެންނަން ފެށުމުގެ މާކުރިން ބަލި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގު ފަހިވެގެންދާނެއެވެ.

ހަވާލާ: ސައިންސް ޑެއިލީ 2026.