ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ފެންވަރުގައި ދަނޑުވެރިކަމުގެ ބޯހިމެނުމުގެ މަސައްކަތް އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއަ މިނިސްޓްރީން ފަށައިފި އެވެ.
މި ހަރަކާތަކީ އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއަ މިނިސްޓްރީ އާއި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އަދި އދ. ގެ ފުޑް އެންޑް އެގްރިކަލްޗާ އޮގަނައިޒޭޝަން (އެފްއޭއޯ) ގުޅިގެން ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ.
އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއަ މިނިސްޓްރީން ބުނީ، މުޅި ރާއްޖޭގެ ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރާ ރަށްރަށުން ޖުމްލަ 39 ފަރާތަކުން މި ބޯހިމެނުމުގައި ބައިވެރިވާ ކަމަށެވެ.
ގައުމީ ފެންވަރުގައި އަލަށް ކުރިއަށް ގެންދާ މި ބޯހިމެނުމުގެ ސަބަބުން ދަނޑުވެރިކަމުގެ ދާއިރާގެ މުހިންމު ތަފާސްހިސާބުތައް ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން ފާހަގަކުރެ އެވެ. އަދި މިއީ ކާނާގެ ރައްކާތެރިކަމާ ގުޅޭގޮތުން ހުރި ގޮންޖެހުންތަކާއި ދާއިރާގައި މަދުވާ ކަންކަން ދެނެގަތުމަށް އެޅޭ ވަރަށް މުހިންމު ބިންގަލަކަށް ވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން، ބޯހިމެނުމުން އެއްކުރެވޭ މައުލޫމާތުތަކުގެ އެހީގައި ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، އެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލުމަށް މަގުފަހިވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި ގައުމީ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކަށް މި ތަފާސްހިސާބުތަކުން ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ އެވެ.
