ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަޑައިގެންނެވީ ކަނޑައެޅިފައިވާ ސަލާމަތީ ހުރިހާ މިންގަނޑުތަކެއް ފުރިހަމަކުރައްވައިގެން ކަމަށާއި، އެ ވަގުތު އަތްޕުޅުގައި އޮތް ދަބަހުގައި ހުރީ ފުޓުބޯޅަ ކުޅޭ ސާމާނު ކަމަށް ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތޮލިބު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، ރޭ އެޓާނީ ޖެނެރަލްއާ އެކު މަޖިލީހުގެ އިދާރާއަށް ވަޑައިގެންނެވީ ރިއަލް އެސްޓޭޓު ވިޔަފާރީގެ ބިލާ ގުޅޭގޮތުން މަޖިލިސް މެންބަރުންތަކެއް ސާފުކުރަން ބޭނުންވި ކަންކަން އޮޅުންފިލުވައިދެއްވުމަށް އެ މެންބަރުންގެ އެދިވަޑައިގަތުމަކަށް ކަމަށެވެ. އަދި އެ ބައްދަލުވުމަށް ދަބަހެއް ހިއްޕަވައިގެން ވަޑައިގެންނެވި ސަބަބު ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ބައްދަލުވުން ތާވަލުކުރެވިފައި އޮތް ގަޑިއަކީ އާރަށުން ފުޓުބޯޅަ ކުޅުއްވައިގެން މާލެ ވަޑައިގެންނެވި ވަގުތާ ދިމާވި ގަޑިއެއް ކަމަށެވެ. އެހެންކަމުން ލޯންޗުން ފޭބި ގޮތަށް މަޖިލީހުގެ އިދާރާއަށް ވަޑައިގަންނަވަން ޖެހުނީ ކުޅޭ ސާމާނު އަޅާފައިވާ ދަބަސް ހިއްޕަވައިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މަޖިލީހުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަކީ ދިވެހި ސިފައިން ސަލާމަތީ ކަންކަން ބަލަހައްޓަމުންދާ އިދާރާއެއް ކަމަށާއި، ސީސީޓީވީ ކެމެރާތަކާއި ދަބަސް ސްކޭނަރުގެ އިތުރުން ބޮޑީ ސްކޭނަރު ވެސް އެ ތަނުގައި ބަހައްޓާފައި ހުންނަ ކަމަށެވެ. ދައުލަތުގެ މިނިސްޓަރަކަށް ވިޔަސް މަޖިލީހުގެ އިދާރާއަށް ވަދެވެނީ އައިޑީ ކާޑުގެ ކޮޕީ ފޮނުވައިގެން ކުރިން ހުއްދަ ހޯދުމަށް ފަހުގައިކަން ފާހަގަކުރައްވައި، އެ ރޭގެ ބައްދަލުވުމަށް ވެސް ވަޑައިގެންނެވީ އެ ހުރިހާ ސެކިއުރިޓީ ކަންކަން ފުރިހަމަކުރައްވައިގެން ކަމަށް ވިދާޅުވި އެވެ.

"މަޖިލިސް އިދާރާއަށް ވަނީ އެ ދަބަސް ސެކިއުރިޓީ ޗެކްކުރުމަށްޓަކާ ސްކޭނަރ އިން ސްކޭންވެސް ކޮށްގެންނެވެ. ބައްދަލުވުމަށްފަހު މަޖިލިސް އިދާރާއިން އަޅުގަނޑު ނިކުތީ އެދަބަސް ކޮޑުގައި އަޅުވައިގެންނެވެ،" މިނިސްޓަރު މުއްތޮލިބު ވިދާޅުވި އެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވެފައި މިވަނީ، ރޭގެ ބައްދަލުވުމުން ނިކުމެވަޑައިގެންނެވިއިރު ކޮނޑުގައި ބޮޑު ކަޅު ދަބަހެއް އޮތުމުން ބައެއް ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ނުދެއްވައި ވަޑައިގެންނެވުމާ ގުޅިގެން، މިއަދުގެ މަޖިލިސް ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައި ވަނިކޮށެވެ. މިއަދުގެ ޖަލްސާގައި މީކާއީލް ވިދާޅުވީ މިނިސްޓަރުގެ އެ ދަބަހުގައި ހުރީ ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ވެރިޔާ މުހައްމަދު އަލައްބާރު މަޖިލިސް މެންބަރުންނަށް ބެއްސެވުމަށް ދެއްވި ޑޮލަރު ކަމަށާއި، އޭގެން ބައެއް މެންބަރުންނަށް ޑޮލަރު ލިބިވަޑައިގެންނެވި ކަމަށެވެ.

މީކާއީލްގެ މި ތުހުމަތުތަކާއެކު މިއަދުގެ މަޖިލިސް ޖަލްސާ ވަރަށް ބޮޑަށް ހޫނުވެގެން ދިޔަ އެވެ. އެއާއެކު މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މީކާއީލްގެ ނަން އިއްވަވައި މަޖިލީހުގެ ތަޅުމުން ބޭރުކުރައްވާފަ އެވެ.