އިހަވަންދިއްޕޮޅުގައި 'މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް' މަޝްރޫއު ކުރިއަށް ގެންދިއުމަށް ދިވެހި ސަރުކާރާއި އެސްޓީއޯ އަދި އަބޫ ދާބީގެ ސާހް ގްރޫޕާ ދެމެދު މިއަދު ރަސްމީކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އަދި އެސްޓީއޯގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޝިމާދު އިބްރާހިމް ސޮއިކުރެއްވިއިރު، ސާހް ގްރޫޕުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕޯޓް އެންޑް އިންޑަސްޓްރިއަލް ސިޓީ ޑިވެލޮޕްމަންޓްގެ ސީއީއޯ އަހްމަދު އިބްރާހިމް އަލީ މުހައްމަދު އަލްމުތާވާއެވެ.

މި ބިޔަ މަޝްރޫއުގެ ދަށުން އިހަވަންދިއްޕޮޅުގައި އިންޓަނޭޝަނަލް ފެންވަރުގެ ވިޔަފާރި ބަނދަރެއް ގާއިމްކުރުމުގެ އިތުރުން، މެރިޓައިމް އަދި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ތަރައްގީކުރާނެއެވެ. މީގެ އިތުރުން ޓޫރިޒަމާއި އެހެނިހެން ހިދުމަތްތައް ވެސް އެކުލެވޭ ގޮތަށް އެ ސަރަހައްދު ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިކޮނޮމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅުތަކުގައި އިގްތިސާދީ ހަރަކާތްތައް އިތުރުވެ، ސަރަހައްދީ އަދި އިންޓަނޭޝަނަލް ވިޔަފާރީގެ ވިއުގައިގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާވެގެންދާނެއެވެ. 

މި މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ، އަދި އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވެސް އިއުލާންކުރައްވާފައިވާ މުހިންމު ވައުދެކެވެ. އަދި މިއީ 'ވިޝަން 2040' ގެ ދުރު ރާސްތާ އިގްތިސާދީ ތަސައްވުރުގެ ދަށުން ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށް އެޅޭ މުހިންމު ބިންގަލެއް ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.