ކޮންމެ މިނިސްޓްރީއަކަށް ކަނޑައެޅޭ ފަންނީ ވަކި ދާއިރާތަކަކުން ހާއްސަ ކޮމިޓީތަކެއް އެކުލަވާލުމުގައި އަމަލުކުރާނެ އުސޫލެއް ކަނޑައަޅައި، އެ އުސޫލަށް އަމަލުކުރަން ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. ރައީސް އޮފީހުން ބުނި ގޮތުގައި، އެ މަނިކުފާނު މިފަދައިން ނިންމެވީ އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގެ މަޝްވަރާއަށް ފަހުގައެވެ.

މި އުސޫލުގެ މައިގަނޑު މަގުސަދަކީ "ފަންނީ ދާއިރާތަކުގެ ހާއްސަ ކޮމިޓީތަކާއި ފަންނީ މަޝްވަރާ މަޖިލިސް" އެކުލަވާލުމާއި ހިންގުމުގައި އަމަލުކުރާނެ ހަރުދަނާ ގޮތްތަކެއް ކަނޑައެޅުމެވެ. އެގޮތުން، އެކި ފަންނުވެރި ދާއިރާތަކާ ގުޅުންހުރި މައްސަލަތަކާ މެދު މަޝްވަރާކޮށް، އެ ދާއިރާތަކާ ގުޅޭ ސިޔާސަތުތައް ބައްޓަންކޮށް ތަންފީޒުކުރުމުގައި، ދާއިރާތަކުން ލިބިފައިވާ ފަންނީ ތައުލީމާއި ތަޖުރިބާގެ އަލީގައި މަޝްވަރާ ހުށަހެޅުމަށް މި ކޮމިޓީތައް މެދުވެރިކޮށް ފުރުސަތު ދެވޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކެބިނެޓުގެ މި ނިންމެވުމާ އެކު، ކޮންމެ މިނިސްޓްރީއަކަށް ކަނޑައެޅޭ ފަންނީ ދާއިރާތަކުގެ ހާއްސަ ކޮމިޓީތައް އެކުލަވާލައި، އެ ދާއިރާތަކުން ފަންނީ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ބޭފުޅުން އެ ކޮމިޓީތަކަށް އައްޔަންކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މި ކޮމިޓީތަކުގައި މެންބަރުން ކުރާ މަސައްކަތަކީ ގައުމީ ހިދުމަތެއްގެ ގޮތުގައި ބައްލަވައި، އެ މަސައްކަތަށް ވަކި އުޖޫރައެއް ނުދޭ ގޮތަށް ރައީސް ވަނީ ނިންމަވާފައެވެ.

ފަންނީ ދާއިރާތަކުގެ ހާއްސަ ކޮމިޓީތަކާއި ފަންނީ މަޝްވަރާ މަޖިލިސް އެކުލަވާލުމުގައި އަމަލުކުރާނެ އުސޫލު ރައީސް އޮފީހުގެ ވެބްސައިޓުގައި ޝާއިއުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިދިޔަ ބުދަ ދުވަހު ރައީސް ވަނީ ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ ލަފާދޭ މަޖިލީހެއް ވެސް އެކުލަވާލައްވާފައެވެ.

ގައުމުގެ ކަންކަން ހަރުދަނާ ގޮތުގައި ހިންގުމުގައްޔާއި، ސަރުކާރުގެ ކަންކަން ރަނގަޅު ގޮތުގައި ގެންދިޔުމުގެ އިތުރުން ގައުމަށް ދިމާވާ އެކި ކަންކަމާ ގުޅިގެން މަޝްވަރާ ހޯދަންޖެހޭ ކަންކަމުގައި ރައީސް މަޝްވަރާ ހޯއްދެވުމަށް އެ މަޖިލިސް އެކުލަވާލެއްވީ ކަމަށް ރައީސް އޮފީހުން ބުންޏެވެ. މިފަދަ ކޮމިޓީތަކާއި މަޖިލިސްތައް އުފެއްދުމުގެ ސަބަބުން ސިޔާސަތުތައް އެކުލަވާލުމުގައި ކަމާ ގުޅޭ މާހިރުންގެ ލަފާ ސީދާ ގޮތެއްގައި ލިބިގެންދާނެއެވެ.