މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީގެ ދަށުން ފުރަތަމަ ފަހަރަށް ރިޔާސީ ދެވަނަ ދައުރެއް ކަށަވަރު ކުރައްވާ ބޭފުޅަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ހަދަން ޖެހޭ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެންސީ އާއި އަދާލަތު ޕާޓީން ކޯލިޝަން ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ގައުމުގެ ހަމަޖެހުމާއި ރައްކާތެރިކަމާއި ތަރައްގީއަށް އޮތް ހަމައެކަނި މަގަކީ ވެސް ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ހޯދައިދިނުން ކަމަށެވެ.

މި ރަސްމިއްޔާތުގައި އަބްދުއްރަހީމް ފާހަގަކުރެއްވި ގޮތުގައި، ދިވެހި ޒުވާނުންނާއި ހަރުމީހުން އަދި މުޅި ގައުމުގެ މާދަމާއަށް އޮތް ހަމައެކަނި ފުރުސަތަކީ ޕީއެންސީގެ ސަރުކާރަށާއި ރައީސް ޑރ. މުއިއްޒަށް އިތުރު ދައުރެއް ދިނުމެވެ. އަދި އެ ނޫން އެހެން މަގެއް ރައްޔިތުންގެ ކުރިމަތީގައި މިހާރު ނެތް ކަމަށް ވިދާޅުވެ، ސަރުކާރަށް އެއްބާރުލުން ދީގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބުކޮށްދިނުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ދޭން ޖެހޭ ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން އަބްދުއްރަހީމް ވިދާޅުވީ، އެމަނިކުފާނަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށްޓަކައި ދަންމަވާލެއްވި ފަލަ ރަތް ރޮނގު ހުރަސްކުރުމަށް އެއްވެސް ބަޔަކަށް ފުރުސަތު ނުދެއްވާ ބޭފުޅެއް ކަމަށެވެ. މީގެ އިތުރުން، ޑިޕްލޮމެސީގެ ރިވެތި އުސޫލުން ހާރިޖީ ގުޅުންތައް ގާއިމް ކުރައްވައި، ދާހިލީ ހަމަޖެހުމާއި ތަރައްގީއަށް ފުރުސަތު ފަހިކޮށްދެއްވަމުން އަދުލުވެރިކަން ކުރިއަށް ނެރުއްވާތީ އެމަނިކުފާނަށް އިތުރު ދައުރެއް ދޭން ޖެހޭ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންނާ ހަވާލުވެފައި އޮތް ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރަން. އަޅުގަނޑުމެންނާ މަތިވެފައި އޮތް މަސްއޫލިއްޔަތަށް ރައްކާތެރިވާން. އަމާނާތަށް ތެދުވެރިވާން. މިކަން ކުރެވޭނީ އިހްލާސްތެރި ނިޔަތަކާ އެކީގައި މަސައްކަތްކޮށްގެން. އެއީ މާދަމާއަށްޓަކައި އަމިއްލަ އެދުން ނެރެގެން ކުރެވޭނެ ކަމެއް ނޫން. އަމިއްލަ އެދުން އެބަޖެހޭ ފަސްކޮށްލަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން، ޕީއެންސީން އަބަދުވެސް އިސްކުރާނީ ދިވެހި ގައުމު ކަމަށާއި، ގައުމީ މަސްލަހަތު ފަހަތަށް ޖައްސާލައިގެން ބޭކާރު ވަގުތުތަކެއް ހޭދަކުރެވެން ނެތް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ގައުމަށް ތެދުވެރިވާ ނަމަ ހައްގު ބަސް ބުނަން ޖެހޭނެ ކަމަށާއި، ހަމައެކަނި ދުލުން ގައުމާއި ދީނަށްޓަކައޭ ބުނުމުގެ ބަދަލުގައި ގައުމަށް އެންމެ ފައިދާހުރި ގޮތަށް އިސްކަންދޭން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ފިތުނަ ފަސާދަ އުފެއްދުމަކީ ގައުމަށް އިހްލާސްތެރިވުން ނުވަތަ ގައުމަށް ވަފާތެރިވުމެއް ނޫން ކަމަށެވެ. އަދި ރައްޔިތުން މިއަދު ބޭނުންވަނީ ތަރައްގީ އާއި ހަމަޖެހުމާއި ރައްކާތެރިކަން ކަމުގައި ވެސް ޕީއެންސީގެ ޗެއާޕާސަން ވިދާޅުވިއެވެ.