ރޯދަ މަހާ ދިމާކޮށް އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަން، "އެސްޓީއޯ ރޯދަ ބާޒާރު 2027" މިއަދު ރަސްމީކޮށް ފަށައިފިއެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮމޯޝަން އިފްތިތާހުކޮށްދެއްވީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ޝާމް އާދަމެވެ.

އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން އަންނަ އަހަރުގެ މާރިޗު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން، ކަނޑައެޅިފައިވާ ހާއްސަ އުފެއްދުންތަކުން 50 ޕަސަންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށެވެ. މީގެ އިތުރުން، ކޮންމެ ދެ ހަފުތާއަކުން އެއްފަހަރު 500 ރުފިޔާއިން މަތީގެ ވިޔަފާރިކުރާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ދެ ފަރާތަކަށް 2،500 ރުފިޔާގެ ގިފްޓް ވައުޗަރެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮމޯޝަންގެ ދަށުން 5،000 ރުފިޔާއަށް ވުރެ މަތިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ހާއްސަ ހަދިޔާ ގުޅިއަކުން ވަގުތުން އިނާމު ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި މުޅި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ އެންމެ ނަސީބުވެރި އެއް ފަރާތަށް، ޕްރޮމޯޝަންގެ އެންމެ ބޮޑު އިނާމުގެ ގޮތުގައި 100،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

ރޯދަ ބާޒާރު ފެށުމާއެކު، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާގައި ދުނިޔޭގެ މަޝްހޫރު ފްރެންޗައިޒް ކެފޭ ބްރޭންޑް "ދަ ކޮފީ ބީން އެންޑް ޓީ ލީފް" ގެ މާލޭގެ ފުރަތަމަ އައުޓްލެޓްވެސް މިއަދު ވަނީ ހުޅުވާފައެވެ. މި ބްރޭންޑްގެ ރާއްޖޭގެ ފުރަތަމަ އައުޓްލެޓް ހިންގަމުން އަންނަނީ ހުޅުމާލޭގައެވެ. ހަމައެއާއެކު، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ވިޔަފާރިކުރެވޭނެ މާހައުލެއް ގާއިމުކުރުމަށްޓަކައި ޕީޕަލްސް ޗޮއިސްގެ ޖާގަ އިތުރަށް ތަނަވަސްކޮށް، އެ ބައިވެސް ވަނީ އާންމުންނަށް ހުޅުވާލާފައެވެ.

އެސްޓީއޯ ރޯދަ ބާޒާރަކީ ރޯދަ މަހާ ދިމާކޮށް ގޭތެރޭގައި ހިފާ ގެންގުޅޭ ސާމާނާއި އެހެނިހެން ޒަރޫރީ މުދާ ހެޔޮ އަގުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ، އާންމުންގެ ބޮޑު ތަރުހީބެއް ލިބޭ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުގެ އިތުރުން އެ ކުންފުނީގެ ރީޖަނަލް އައުޓްލެޓްތަކުގައެވެ.