ފުޓްބޯޅަ ދަނޑުމަތީގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ދުނިޔޭގެ މަޝްހޫރު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ، އެކްޓިންގްގެ ދާއިރާއަށް ނުކުމެ، އޭނާގެ ފުރަތަމަ ޓީވީ ޑްރާމާ ސީރީޒް "ޑޭ ވަންސް" ގެ މަސައްކަތް ފަށައިފިއެވެ.
އުމުރުން 41 އަހަރުގެ ޕޯޗުގަލްގެ ކުރީގެ ކެޕްޓަން މިކަން ރަސްމީކޮށް އިއުލާންކޮށްފައިވަނީ އިންސްޓަގްރާމް އެކައުންޓު މެދުވެރިކޮށެވެ. މިއީ ރޮނާލްޑޯ އާއި އިނގިރޭސިވިލާތުގެ މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ މެތިއު ވޯން ގުޅިގެން 2025 ވަނަ އަހަރު އުފެއްދި "ޔޫއާރު-މާވް ސްޓޫޑިއޯސް" އިން ގެނެސްދޭ ފުރަތަމަ ޓީވީ ސީރީޒެވެ.
އިނގިރޭސި ފުޓްބޯޅައިގެ ދަނޑުން ބޭރުގައި ހިނގާ ވިޔަފާރީގެ މުއާމަލާތްތަކާއި، ކުޅުންތެރިންގެ އެޖެންޓުންގެ މެދުގައި އޮންނަ ބާރުގެ ކޯޅުންތަކުގެ މައްޗަށް ބިނާކޮށް އުފައްދާ މި ސީރީޒްގައި ރޮނާލްޑޯ އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން މި ސީރީޒްގައި އޭނާގެ އަމިއްލަ ސިފައިގައި ސްކްރީނުން ފެނިގެންދާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. މި ޑްރާމާގެ މައިގަނޑު ވާހަކަ އެނބުރެނީ އިނގިރޭސިވިލާތުގެ ނުފޫޒުގަދަ ފުޓްބޯޅަ އެޖެންޓެއް ކަމަށްވާ ސްޓޭންލީ ޑޯލްޓަންގެ ވަށައިގެންނެވެ.
މި ސީރީޒްގައި ލީޑް ރޯލު ކަމަށްވާ ސްޓޭންލީ ޑޯލްޓަންގެ ބައި ކުޅެނީ އެމީ އެވޯޑް ހާސިލުކޮށްފައިވާ މަޝްހޫރު އެކްޓަރު ޑޭމިއަން ލުއިސްއެވެ. އަދި އާސެނަލް އާއި ފްރާންސްގެ ކުރީގެ ތަރި ތިއަރީ އޮންރީ ވެސް މި ސީރީޒްގެ އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި ހަރަކާތްތެރިވާއިރު، އޭނާ ވެސް ސްކްރީނުން ފެނިގެންދާނެއެވެ. މީގެ އިތުރުން އިނގިރޭސި ރެޕް ލަވަކިޔުންތެރިޔާ ޑޭވް މި ސީރީޒްގެ ފުރަތަމަ އެޕިސޯޑުގައި ހާއްސަ ފެނިލުމަކުން ފެންނާނެއެވެ.
"ޑޭ ވަންސް" ސީރީޒްގެ ޕައިލެޓް އެޕިސޯޑު ޑައިރެކްޓް ކުރަނީ މަޝްހޫރު ފިލްމު "ކިންގްސްމަން" ގެ ޑައިރެކްޓަރު މެތިއު ވޯންއެވެ. އަދި ސީރީޒްގެ ޝޯރަނަރެއްގެ ގޮތުގައި ޑޭން މޭޒާ މަސައްކަތް ކުރާއިރު، މި ސީރީޒް އުފެއްދުމުގެ ހިޔާލު ގެނެސްދީ ޕްރޮޑިއުސް ކުރުމުގައި ހަގީގީ ފުޓްބޯޅަ އެޖެންޓެއް ކަމަށްވާ ޑެރެން ޑެއިން ވެސް ބައިވެރިވެއެވެ
މިހާރު އިނގިރޭސިވިލާތުގެ ލަންޑަންގައި މި ސީރީޒްގެ ޝޫޓިންގްގެ މަސައްކަތްތައް ކުރިއަށްދާއިރު، އުތުރު ލަންޑަންގެ ބާނެޓް އެފްސީގެ ދަނޑުގައި ތިއަރީ އޮންރީ މަންޒަރުތަކެއް ކުޅެމުންދަނިކޮށް މީގެ ކުރިން ވަނީ ފެނިފައެވެ. ޕެރަމައުންޓް ޕްލަސް މެދުވެރިކޮށް މި ސީރީޒް ސްޓްރީމް ކުރާނެ ކަމަށް މުނިފޫހިފިލުވުމުގެ ހަބަރުތަކުގައި ބުނި ނަމަވެސް، ސީރީޒް ރިލީޒްކުރާނެ ވަކި ތާރީހެއް އަދި ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ.
