މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން އިގުތިސާދަށް ކުރިމަތިވި ގޮންޖެހުންތަކާ އެކުވެސް، މި އަހަރު ނިމޭއިރު ދައުލަތުގެ ބަޖެޓް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 6.2 ޕަސަންޓުގައި ހިފެހެއްޓޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ. ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި ޓޫރިޒަމަށް ލޮޅުންތަކެއް އައި ނަމަވެސް، ސަރުކާރުގެ މާލީ ސިޔާސަތުތަކުގެ ދަށުން ޑެފިސިޓް އެއް އަކުރުގެ އަދަދެއްގައި ހިފެހެއްޓޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ 2023 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ ބަޖެޓް ޑެފިސިޓް ހުރީ ޖީޑީޕީގެ 10 ޕަސަންޓުގައި ކަމަށެވެ. އެހެންނަމަވެސް، މި ސަރުކާރުން ފުރަތަމަ އެކުލަވާލި 2025 ވަނަ އަހަރުގެ ބަޖެޓާ އެކު ހަރުދަނާ ފިސްކަލް މެނޭޖްމަންޓެއް ތަންފީޒުކޮށްގެން، ޑެފިސިޓް 3.6 ޕަސަންޓަށް ކުޑަކުރެއްވުނު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި އޭގެ ކުރީ އަހަރުގެ ބަޖެޓް އޭރު މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް އެމްޑީޕީން ފާސްކުރީ އާ ސަރުކާރަށް ކަންކަން ކުރަން ވީހާވެސް ދަތިވާނެ ގޮތަށް ކަމަށް ވެސް ރައީސް ތުހުމަތުކުރެއްވި އެވެ.
މި އަހަރުގެ މާޗު މަހު މެދުއިރުމަތީގައި ފެށުނު ބޮޑު ހަނގުރާމައާ ގުޅިގެން އިގުތިސާދީ ކަންކަމަށް ބަދަލުތަކެއް ގެންނަން ޖެހުނު ނަމަވެސް، އެ ގޮންޖެހުންތައް ސަރުކާރުން މެނޭޖްކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ. ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރު ނިމޭއިރު ޑެފިސިޓް ފަސް ޕަސަންޓަށް ވުރެ ކުޑަކުރުން ކަމަށާއި، 2029 ވަނަ އަހަރު ޖީޑީޕީގެ ނިސްބަތުން އެއް ޕަސަންޓުގެ ސާޕްލަސްއަކަށް ދެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އެހެން ނަމަވެސް މި އަހަރު ނިންމާލާއިރުގައި ސިންގަލް ޑިޖިޓުން ހަމަ، ގާތްގަނޑަކަށް 6.2 ޕަސަންޓުން ނިންމާލެވޭނެ ކަމަށް ބެލެވޭ،" ރައީސް ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ޖުމްލަ އަދަދަކީ 59.7 ބިލިއަން ރުފިޔާ ކަމަށްވާއިރު، މިއީ ޖީޑީޕީގެ ނިސްބަތުން 46.1 ޕަސަންޓެވެ. އަންނަ އަހަރުގެ ބަޖެޓްގެ ޖުމްލަ އަދަދު މި އަހަރަށް ވުރެ ކުޑަ ނަމަވެސް، އޯވަރޯލް ޑެފިސިޓް ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 9.4 ބިލިއަން ރުފިޔާގަ އެވެ. އެއީ މި އަހަރަށް ލަފާކުރި 7.5 ބިލިއަން ރުފިޔާގެ ޑެފިސިޓަށް ވުރެ 1.9 ބިލިއަން ރުފިޔާ ބޮޑު އަދަދެކެވެ.
އަންނަ އަހަރުގެ ބަޖެޓުން ހަރަދުކުރުމަށް ކަނޑައަޅާފައިވާ 52.6 ބިލިއަން ރުފިޔާގެ ތެރެއިން 71.5 ޕަސަންޓް ނުވަތަ 42.7 ބިލިއަން ރުފިޔާއަކީ ރިކަރެންޓް ހަރަދެވެ. އަދި ދެވަނައަށް އެންމެ ބޮޑު ހަރަދެއްގެ ގޮތުގައި ކެޕިޓަލް ހަރަދަށް ކަނޑައަޅާފައިވަނީ 9.8 ބިލިއަން ރުފިޔާ އެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ އަހަރު ފިޔަވައި، ފާއިތުވި 10 އަހަރު ވެސް ދައުލަތުގެ ބަޖެޓް އަހަރުން އަހަރަށް ދިޔައީ ބޮޑުވަމުންނެވެ.
