ފާޑުކިޔުންތަކާ އެކު މީހުން ދޭ އެކި ލޭބަލްތަކާ މެދު މާބޮޑަށް ނުވިސްނަވާ ކަމަށާއި، ކުރިއަށް ވަޑައިގަންނަވާނީ އެންމެ ފުރަތަމަ ގައުމު އިސްކޮށްގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު މިހެން ވިދާޅުވީ، ގައުމުގެ މުސްތަގުބަލަށްޓަކައި އަޅުއްވާ މުހިންމު ފިޔަވަޅުތަކަށް އަމާޒުވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުންނެވެ.


މި ހަފްލާގައި ރައީސް ވިދާޅުވީ ރާއްޖޭގައި ވޭޕް މަނާކުރަން އުޅުނު ދަނޑިވަޅުގައި، އެކަމުގެ ސަބަބުން ގިނަ ބައެއްގެ ވިޔަފާރިތައް ބަނގުރޫޓުވެ، ވޯޓު ނުލިބޭނެ ކަމަށް ބުނެ އެތައް ވާހަކަތަކެއް އެމަނިކުފާނާ ހަމައަށް އައި ކަމަށެވެ. އަދި އިޒްރޭލު ޕާސްޕޯޓު މަނާކުރަން ނިންމެވި އިރުވެސް، ޓޫރިޒަމް އިންޑަސްޓްރީ ހަލާކުވެދާނެ ކަމަށް ބުނެ އެ ދާއިރާގެ ބޮޑެތި ބޭފުޅުން ކަންބޮޑުވުން ފާޅުކުރެއްވި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ނަމަވެސް އެ ކަންކަމަށް ނުބައްލަވައި، ގައުމަށްޓަކައި "އަންޕޮޕިއުލާ" ނިންމެވުންތަކެއް ނިންމެވި ވެރިއަކަށް ވެވަޑައިގެންނެވި ކަމަށް ރައީސް ވިދާޅުވި އެވެ.


ވޭޕް މަނާކުރުމާއި ވަކި އުމުރެއްގެ ކުދިންނަށް ދުންފަތް މަނާކުރާ ގޮތަށް ގެނައި ޖެނަރޭޝަން ބޭންއަކީ ޒުވާނުންނާއި ތުއްތު ކުދިން ނުބައި މާހައުލަކުން ސަލާމަތްކޮށް، އެ ކުދިންގެ މުސްތަގުބަލަށްޓަކައި އެޅުއްވި ފިޔަވަޅުތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެ ނިންމުންތަކަށް ފާޑުކިޔުން އަމާޒުވި ނަމަވެސް، މިއަދު ދުނިޔޭގެ އެހެން ގައުމުތަކުން ވެސް އެކަން ބަލައިގަނެ މިސާލު ނަގަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.


"ދެން އަސްލުގައި އަޅުގަނޑަށް ވަރިހަމަ ކޮންމެ ކަހަލަ ނަމެއް ކިޔަސް. އަޅުގަނޑަކީ ދެން މީސް މީހުން ކިޔާ ލޭބަލަށް މާބޮޑަށް ވިސްނާ މީހެއް ނޫން. އެންމެ ފުރަތަމަ ގައުމު އެ ލޭބަލާ އެކު އަޅުގަނޑަށް ކުރިއަށް ދެވެންޏާ ރަނގަޅުވާނެ،" ރައީސް ވިދާޅުވި އެވެ.


ދުވަސްވީ ރަށްވެއްސަކު ދެއްވި ނަސޭހަތެއް ހަނދުމަފުޅު ކުރައްވަމުން ރައީސް ވިދާޅުވީ، ރަނގަޅު ނިންމުންތައް ނިންމާއިރު ފުރަތަމަ މީހުން އެކަން ބަލައިނުގަތަސް، ދުވަސްކޮޅެއް ފަހުން އޭގެ ފައިދާ ގަބޫލުކޮށް ޝުކުރުވެރިވާނެ ކަމަށެވެ. އެހެންކަމުން ސަރުކާރުން މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކަކީ މިވަގުތު ބައެއް މީހުންނަށް އެންމެ ރަނގަޅު ނިންމުންތަކެއް ކަމަށް ގަބޫލުނުކުރެވުނު ނަމަވެސް، އަންނަން އޮތް ޖީލުތަކަށް އޭގެ ފައިދާ ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.