ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބަންދުކުރަން ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ސިއްރުން ކުރިއަށް ގެންގޮސް މިއަދު ހައި ކޯޓުގައި ނިންމާލައިފިއެވެ.
މި މައްސަލައިގެ އަޑުއެހުމެއް މީގެ ކުރިން ވެސް ހައި ކޯޓުގައި ތާވަލުކުރި ނަމަވެސް، އޭރު އެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ. އެއަށްފަހު އަޑުއެހުން ބާއްވާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ މިއަދުގެ އަޑުއެހުމާ ގުޅޭގޮތުން ހައި ކޯޓުން މީޑިއާއަށް މައުލޫމާތު ދެމުން ބުނީ މި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލާފައިވާ ކަމަށެވެ. އަދި އިތުރު ކަމެއް ފާހަގަކުރަން ނެތް ނަމަ، ދެން އޮންނާނީ މި މައްސަލައިގައި ހުކުމް އިއްވުމުގެ އަޑުއެހުން ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.
އެހެން ނަމަވެސް، މި މައްސަލައިގެ ހުކުމް އިއްވާނެ ވަކި ދުވަހެއް އަދި ތާވަލުކޮށްފައި ނުވާ ކަމަށް ހައި ކޯޓުން ވަނީ ހާމަކޮށްފައެވެ.
އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި އުމުރުން 64 އަހަރުގެ ޝާހިދު ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، އެ ތުހުމަތުތަކާ ގުޅިގެން އޭނާ ހައްޔަރުކުރީ މި ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަދި އޭނާގެ ބަންދަށް ކުރިމިނަލް ކޯޓުން 30 ދުވަހުގެ މުއްދަތެއް ޖެހުމުން، އެ އަމުރު ޝާހިދުގެ ގާނޫނީ ވަކީލުންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރީ މި މަހުގެ ފަސްވަނަ ދުވަހުއެވެ.
