ޖާނަލް އޮފް ފޮރެންސިކް އެންޑް ލީގަލް މެޑިސިންގެ އެޑިޓާ އިން ޗީފް އަދި ފޮރެންސިކް މެޑިސިން ޕްރޮފެސަރު ޑޮކްޓަރު މައިކަލް ފްރީމަން އިސްވެ ހުރެ ތައްޔާރުކުރި މި ރިޕޯޓުގެ ހޯދުންތައް އާންމުކޮށްފައި ވަނީ މި މަހުގެ 16 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ލަންޑަނުގައެވެ. މިއީ އެޕްސްޓީންގެ އޮޓޮޕްސީއާ ގުޅޭގޮތުން ކުރިން އާންމުކޮށްފައި ނުވާ ލިޔެކިޔުންތަކާއި ފޮޓޯތައް އެއް އަހަރު ދުވަހުގެ މުއްދަތަށް ދިރާސާކުރުމަށްފަހު ނެރުނު މިނިވަން ތަހުލީލެކެވެ.
ސްވިޑެންގެ ފޮރެންސިކް ޕްރޮފެސަރު އެންޑާސް އެރިކްސަން އާއި ދިރާސާވެރިޔާ އިޓިއެލް ޑްރޯއާ ގުޅިގެން ޑޮކްޓަރު ފްރީމަން ހެދި މި ދިރާސާގައި، އަނިޔާތައް ހުރި ގޮތުގެ ތްރީޑީ މޮޑެލްތައް ވަނީ ތައްޔާރުކޮށްފައެވެ. އެޕްސްޓީންގެ ބޭބެ މާކް އެޕްސްޓީން 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފޯރުކޮށްދިން އޮޓޮޕްސީ ފައިލްތަކާއި ފޮޓޯތަކުން ދައްކާގޮތުގައި، އެޕްސްޓީންގެ ކަރުގައި އޮޅާފައި އޮތް ފޮތިގަނޑުގެ މަތިން ނިޔަފަތިން ވަކިއަޅާފައި ހުރި ކަމަށް ބެލެވޭ ނިޝާންތަކެއް ފެންނަން ހުއްޓެވެ. މިއީ ކަރުގައި އޮޅާފައި އޮތް އެތި ނައްޓާލައި ސަލާމަތްވުމަށް އޭނާ މަސައްކަތް ކުރިކަމުގެ ހެއްކެއް ކަމަށާއި، މޫނުމައްޗަށް ލިބިފައިވާ އަނިޔާތަކާއި ބުރަކަށީގެ އަނިޔާގެ އިތުރުން ވާތު ކޮނޑުގެ އެތެރެއަށް ފުންކޮށް ލޭއެޅިފައި ހުރުމަކީ މަރުވުމުގެ ކުރިން ބަޔަކު އޭނާއަށް ހަމަލާދީފައިވާ ކަމުގެ ނިޝާންތަކެއް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ޓްރެފިކް ކުރުމުގެ ބޮޑެތި ދައުވާތަކެއް އުފުލި، ޝަރީއަތުގެ މަރުހަލާ ފެށެންދެން ނިއު ޔޯކުގެ މެންހެޓަން ފެޑެރަލް ޖަލުގައި ބަންދުކޮށްފައި ހުއްޓާ އެޕްސްޓީން މަރުވެފައި އޮއްވާ ފެނުނީ 2019 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 10 ވަނަ ދުވަހުއެވެ. އޭނާ ބަންދުކޮށްފައި ހުރި ގޮޅި ހިމެނޭ ސަރަހައްދުގެ ސެކިއުރިޓީ ކެމެރާތައް މައްސަލަ ޖެހިފައި ހުރުމާއި، ޑިއުޓީގައި ތިބި ޖަލު ބަލަހައްޓާ އޮފިސަރުން ނިދާފައި ތިބުމުގެ ސަބަބުން ގަވާއިދުން ކުރަންޖެހޭ ޗެކްތައް ނުކޮށް ދޫކޮށްލާފައި ވުމަކީ އޭނާގެ މަރާމެދު އާންމުންގެ މެދުގައި ޝައްކުތައް އުފެދެން މެދުވެރިވި މައިގަނޑު ސަބަބުތަކެވެ. މީގެ އިތުރުން، އެޕްސްޓީން މަރުވެފައި އޮތް ތަނުގެ ފޮޓޯތައް އޭރު ނަގާފައި ނުވާކަމާއި، ކަރުގައި އޮޅާފައި އޮތް ކަމަށް ބުނާ ފޮތިގަނޑު ތަހުލީލުކުރުމަށް ރައްކާކޮށްފައި ނުވާކަން ވެސް އާ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
މި ހޯދުންތަކާ ގުޅޭގޮތުން ބީބީސީއަށް ދިން އިންޓަވިއުއެއްގައި ޑޮކްޓަރު ފްރީމަން ބުނީ، އެޕްސްޓީންގެ ހަށިގަނޑުން ފެންނަން ހުރި އަނިޔާތަކާއި ހަށިގަނޑު ފެނުނު ގޮތާ އެއްގޮތަކަށް ވެސް ދިމާނުވާ ކަމަށެވެ. "އަމިއްލައަށް ދަންޖެހިގެން މަރުވާ މީހުންގެ ގައިން މިފަދަ ގިނަ އަނިޔާތަކެއް ނުފެންނާނެ، ވާތު ކޮނޑުގެ އެތެރެއަށް ފުންކޮށް ލޭއެޅިފައި ހުރި ސަބަބާއި ބުރަކަށީގައި ހުރި އަނިޔާތަކަށް ދަންޖެހުމުގެ ތިއަރީއަކުން ޖަވާބެއް ނުދެވޭ،" ޑޮކްޓަރު ފްރީމަން ބުންޏެވެ. އަދި އޭނާ މަރާލީ ކޮން ބައެއްކަން ހޯދުމަކީ މި ތަހުލީލުގެ ބައެއް ނޫން ކަމަށާއި، ނަމަވެސް ލިބިފައިވާ ފޮރެންސިކް ހެކިތަކަށް ބަލާއިރު އެއީ ބަޔަކު ގަސްދުގައި ކޮށްފައިވާ މަރެއް ކަމަށް އޭނާ ބުންޏެވެ.
މި ރިޕޯޓާ ގުޅިގެން ނިއު ޔޯކް ސިޓީގެ އޮފީސް އޮފް ޗީފް މެޑިކަލް އެގްޒަމިނަރުން ބުނީ، އެޕްސްޓީން މަރުވީ އަމިއްލައަށް ދަންޖެހިގެން ކަމަށް 2019 ވަނަ އަހަރު އެ އޮފީހުން ނިންމި ނިންމުމުގައި އަދިވެސް ސާބިތުވެ ތިބި ކަމަށާއި، މީހަކާ ކުރިމަތިލައި ދިފާއުވުމުގެ ތެރޭގައި ލިބޭ ފަދަ އަނިޔާތަކެއް އޭނާގެ ހަށިގަނޑުން ފެނިފައި ނުވާ ކަމަށެވެ. އެޕްސްޓީންގެ ބޭބެ މާކް އެޕްސްޓީންގެ ފަރާތުން ލިބުނު ލިޔެކިޔުންތަކުގެ މައްޗަށް ބިނާކޮށް ޑޮކްޓަރު ފްރީމަން މި ދިރާސާ ހެދީ އެއްވެސް އުޖޫރައެއް ނެގުމަކާ ނުލައި މިނިވަންކަމާއެކު ކަމަށް އޭނާ ބުނި ނަމަވެސް، ޑޮކްޓަރު ފްރީމަން އަމިއްލައަށް އެޕްސްޓީންގެ ހަށިގަނޑު ބަލައި ތަހުލީލުކޮށްފައެއް ނުވެއެވެ. މީގެ އިތުރުން، މި ދިރާސާ ރިޕޯޓަކީ ސައިންޓިފިކް ޖާނަލެއްގައި ޝާއިއުކުރުމުގެ ކުރިން އެހެން މާހިރުން ލައްވައި މުރާޖައާކޮށްފައިވާ ނުވަތަ ޕިއާ ރިވިއު ކޮށްފައިވާ ދިރާސާއެއް ނޫންކަން ވެސް ފާހަގަކުރެވެއެވެ.
