ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އުފެއްދެވި ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ (ސީސީބީ) މެދުވެރިކޮށް ރައްޔިތުންގެ ހިޔާލާއި ޝަކުވާތައް ހުށަހެޅުމަށް ޒިޔާރަތްކުރެވޭނެ ދެ ލައުންޖު މާލެއާއި ހުޅުމާލެ ފޭސް 1 ގައި ހުޅުވައިފިއެވެ.
ރައްޔިތުންނަށް ފަސޭހައިން ޒިޔާރަތްކޮށް ކަންބޮޑުވުންތައް ހިއްސާކުރެވޭ ގޮތަށް ހުޅުވި ސީސީބީގެ މާލެ ލައުންޖު ގާއިމުކޮށްފައިވަނީ ހުޅުމާލެ ފެރީ ޓާމިނަލްގައެވެ. އަދި ހުޅުމާލެ ފޭސް 1 ގެ ލައުންޖު ހުންނާނީ އުމަރު ޒާހިރު ބިލްޑިންގގެ ތިރީ ފަންގިފިލާގައެވެ. މި ދެ ލައުންޖުންވެސް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް ހިދުމަތް ލިބޭނެއެވެ.
މާލެއާއި ހުޅުމާލެ ފޭސް 1 ގައި މި ލައުންޖުތައް ހުޅުވާފައިވާއިރު، ކައިރި މުސްތަގުބަލެއްގައި ހުޅުމާލެ ފޭސް 2 ގައިވެސް ސީސީބީގެ ލައުންޖެއް ހުޅުވޭނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ އުފެއްދެވީ މި އަހަރުގެ އެޕްރީލް މަހުގެ 16 ވީ ބުރާސްފަތި ދުވަހުއެވެ. މި ބިއުރޯއަކީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ހިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގާއިމުކުރެއްވި އޮފީހެކެވެ.
ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ދަށުން ރައްޔިތުންގެ ހިޔާލާއި ކަންބޮޑުވުންތައް ހުށަހެޅުމަށް ހާއްސަކޮށްގެން ސިޓިޒަންސް ވޮއިސްގެ ނަމުގައި ވެބް ޕޯޓަލެއްވެސް ވަނީ އިފްތިތާހުކުރައްވާފައެވެ. މީގެ އިތުރުން، 24 ގަޑިއިރު ހިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއް ގާއިމުކުރައްވާފައިވާއިރު، އެ ސެންޓަރުގެ ހިދުމަތް ހޮޓްލައިން ނަންބަރު 1470 މެދުވެރިކޮށް ލިބޭނެއެވެ.
