މިދިޔަ ޖުލައިމަހު ޔުނިސެފް އިން އާންމު ކުރި ރިޕޯޓެއްގައިވާ ގޮތުގައި އެ ގައުމުގައި ކަރަންޓްގެ ޚިދުމަތް ލިބުން ދަތިވުމުގެ ސަބަބުން، ލުބްނާންގެ އެކި ހިސާބުތަކަށް ފެން ފޯރުކޮށްދޭ ޕަމްޕުތައް ކުރިއަށް އޮތް ހަތަރު ނުވަތަ ފަސް ހަފްތާގެ ތެރޭގައި ހުއްޓުމަކީ ގާތްކަމަކެވެ. އަދި 21 އޯގަސްޓްވީ ހޮނިހިރު ދުވަހު ޔުނިސެފްގެ ޑިރެކްޓަރ، ހެނެރިޓާ ހާމަކުރިގޮތުގައި 4 މިލިއަނަށްވުރެ ގިނަ ކުދިން ލުބުނާނުގައި ފެނަށްޖެހުމަކީ މާދުރުގައި އޮތް ކަމެއް ނޫނެވެ.
ކަންމިހެން ދިމާވެފައިވަނީ ލުބުނާނަށް ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ އިޤްތިޞާދީ ދަތިތަކާހުރެއެވެ. ލުބުނާނަކީ މުޅި ދުނިޔޭގެ ނިޞްބަތުން އެންމެ ގިނަ ސީރިއާގެ ރެފިޔުޖީންނަށް ބޯހިޔާވަހިކަން ދީފައިވާ އެއް ގައުމުވެސް މެއެވެ. 1.7 މިލިއަނެއްހާ ސީރިއާ ރައްޔިތުން މިހާރުވެސް ލުބުނާނުގައި ދަނީ ދިރިއުޅެމުންނެވެ.
2019 ވަނަ އަހަރު ލުބުނާނުގައި 4 ލީޓަރުގެ ފެންފުޅިއެއްގެ އަގު އުޅެނީ 1000 ލެބަނީސް ޕައުންޑް އަށެވެ. ނަމަވެސް މިއަދު 500 މިލިލީޓަރުގެ ކުޑަ ފެންފުޅިއެއް ލިބެނީ އެ އަގަށެވެ. މިދިޔަ ދެ އަހަރުގެ ތެރޭގައި ލުބުނާނުގެ ފައިސާގެ އަގު ވަނީ 90 ޕަސެންޓް ދަށަށް ގޮސްފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ފެންފުޅީގެ އަގު 200 އިންސައްތަ މައްޗަށް ދިއުމަކީ ގާތްކަމެއް ކަމަށް އ.ދ. ގެ ހިސާބުތަކުން ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން ލުބުނާނަކީ މުޅި ދުނިޔޭގެ ނިޞްބަތުން އެންމެ ތެޔޮ އަގު ބޮޑު އެއްގައުމަށް ވެސް ވަނީ ވެފައެވެ. އެގޮތުން ލުބުނާނުގައި ޕެޓްރޯލް ލީޓަރެއް މިހާރު އުޅެނީ 4.25 ޑޮލަރ ނުވަތަ ރާއްޖޭގެ ނިސްބަތުން 65 ރުފިޔާއަށެވެ. މި ކަމުގެ ސަބަބުން ލުބުނާނަށް މުސްތަޤްބަލުގައި އޮތް ދުވަސްތަކަކީ ދަތި އަދި ނާމާން ދުވަސްތަކަކަށް ވުމަކީ ގާތްކަމެއް ކަމަށް ކަމާބެހޭ މާހިރުންވަނީ ލަފާކޮށްފައެވެ.
